ކުޅިވަރު

އައިއޯއައިޖީ 2023: ފުރަތަމަ މެޗުތަކުން ވޮލީ ޓީމުތައް ބަލިވެއްޖެ


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޤައުމީ ވޮލީބޯޅަ ޓީމުތަކުން ކުޅުނު ފުރަތަމަ މެޗުތަކުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެ ގޮތުން، އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮރިޝަސް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް މޮރިޝަސް ޓީމުން ގެންދިޔައީ 25-11، 25-16 އަދި 25-20 އިންނެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ސެޓުތަކުގައި އެއް ފެންވަރެއްގައި ނުކުޅެވުމުގެ އިތުރުން އެޓޭކަށް ދާ ބޯޅަތަކުގައި ވެސް ނިންމައިނުލެވުމުގެ މައްސަލަތަކެވެ. ރާއްޖޭގެ ކުޅުންތެރިން ރިސީވިންގައި ރަނގަޅު ވަގުތުތަކެއް ދިޔަ ނަމަވެސް ނިންމާނުލެވި، ޕްރެޝަރުގައި ކުޅެން ޖެހި އިތުރު ގޯސްތަކެއް ހެދުނީ އެވެ. މޮރިޝަސް އިން އެންމެ ބޮޑަށް ބޭނުންކުރި އެޑްވާންޓޭޖަކީ އެ ޓީމުގެ އިސްކޮޅުން ރަނގަޅުވުމުގެ ފައިދާ އެވެ.

މާދަމާ ރާއްޖޭން ދެ ވަނަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ.

މީގެ އިތުރުން ގައުމީ ފިރިހެން ޓީމުން މިއަދު ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-18، 29-27، 19-25 އަދި 25-22 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެ އަށް އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވުނު ކަމުގައި ވިޔަސް ދެން ކުޅުނު ތިން ސެޓުގައި ވެސް ރީޔޫނިއަންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، މެޗުގެ ތިން ވަނަ ސެޓު ގެންގޮސް ރާއްޖޭން ހަތަރު ވަނަ ސެޓުގެ ބޮޑުބައިގައި ވެސް ރީޔޫނިއަން ހާސްކޮށްލައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ވަކި ހިސާބަކުން ރާއްޖެ ޓީމުގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އަށް އަނިޔާވެގެން ފަރުވާ ހޯދިއިރު، ބަދަލުގައި ކުޅެން އަރައި، ދެ ވަނަ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު ޝޮޓްތަކެއް ވެސް މި މެޗުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

މަޑަގަސްކަރާއާ ދެކޮޅަށް ފިރިހެން ވޮލީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.