ކުޅިވަރު

އައިއޯއައިޖީ 2023: އެއްވަނަ ޓީމުގެ ގޮތުގައި ފިރިހެން ބެޑްމިންޓަން ޓީމު ސެމީއަށް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ, އެއްވަނަ ޓީމުގެ ގޮތުގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން މިއަދު ކުޅުނީ މަޑަގަސްކަރަ އާއި މަޔޮޓްއާ ދެކޮޅަށެވެ.

މިއަދު ހެނދުނު ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ބަލިކުރީ 4-1 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓުން ރާއްޖޭގެ ޒަޔާން ޝާހިދު ޒަކީ ބަލިވީ ހޫލިއޯ ރަންޑްރިއަމަލާލާ އަތުން 2-1 އިންނެވެ. މެޗުގެ ފުރަތަމަ ސެޓް 21-18 ން ޒަޔާން ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓް މަޑަގަސްކަރަ ކުޅުންތެރިޔާ ގެންދިޔައެވެ. އެއީ 21-14, 21-16 ނެވެ.

ދެވަނައަށް ކުޅެން ނިކުމެ ނިބާލް އަހުމަދު ވަނީ ސީދާ ދެ ސެޓުން މާކް ހާޖާ ވޮންޖިނިރީނާ ބަލިކޮށްފައެވެ. އެއީ 21-16, 21-13 ނެވެ. ތިންވަނަ މެޗުގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ ރަހަރީ ރަމަނަނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-17, 22-20 ނެވެ. ފުރަތަމަ ޑަބަލްސް މެޗުގައި އަޖުފާންއާއި ނިބާލް ނިކުމެ ސީދާ ދެ ސެޓުން ބަލިކުރީ މާކްއާއި ހޫލިއޯއެވެ. އެއީ 23-21 އދި 21-15 ނެވެ.

ފަހު މެޗުގައި ޒަޔާންއާއި މުޙައްމަދު ތޯއިފް ނިކުމެ ބަލިކުރީ ރިއާނާ އާއި ރަހަރީގެ ޕެއަރ އެވެ. އެއީ 21-17, 21-16 ނެވެ.

މެންދުރު ފަހު ދެވަނަ މެޗުގައި ރާއްޖެއިން ކޮމޮރޯސް ބަލިކުރީ 5-0 ނެވެ. ފުރަތަމަ ނިބާލް ކުޅެން ނިކުމެ ކޮރެންޓިން ލެޕޮއިވާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފަސޭހަކަމާއެކު 21-5, 21-3 ނެވެ. ތޯއިފް ވަނީ 2-1 ން ކޮލިން ގަލޮޓް 2-1 ސެޓުން ބަލިކޮށްފައެވެ. މި މެޗުގައި ގެއްލުނު ހަމަ އެކަނި ސެޓަކީވެސް މިއީއެވެ. ތޯއިފް ސެޓްތައް ގެންދިޔައީ 21-16, 19-21 އަދި 21-7 ނެވެ. ރިޝްވާން ޝިޔާމް ވަނީ ސީދާ ދެ ސެޓުން ގުއިލާމް ޖޭ ބޯރެލް ބަލިކޮށްފައެވެ.

ސެޓްތައް ގެންދިޔައީ 21-3, 21-8 ނެވެ. ފުރަތަމަ ޑަބަލްސްގައި ޒަޔާންއާއި ނިބާލް ނިކުމެ ކޮލިން ގަލޮޓް އަދި ކޮރެންޓިން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-8, 21-12 ނެވެ. އަޖުފާންއާއި ތޯއިފް ނިކުމެ ބަލިކުރީ މަތިއު އާއި އެމަނުއެލް އެކްސް ރޮޒާންޑްއެވެ. އެއީ 21-6, 21-9 ނެވެ.

ސެމީފައިނަލްގައި ފިރިހެން ޓީމް ވާދަކުރާނީ އަންނަ އާދިއްތަ ދުވަހުއެވެ.

މީގެ އިތުރުން މިއަދު އަންހެން ބެޑްމިންޓަން ޓީމުންވެސް ވަނީ ރިޔޫނިއަން ބަލިކޮށް، ފެށުން ރަނގަޅުކޮށްފައެވެ.

ރާއްޖެއިން ރިޔޫނިއަން ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ޓީމަށް ގެއްލުނީ އެންމެ ސެޓެކެވެ. ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ނިކުމެ ސީދާ ދެ ސެޓުން ބަލިކުރީ އެސްޓެލެ ލެޕާލާއެވެ. އެއީ 21-13, 21-10 ނެވެ.

ދެވަނަ ސިންގަލްސްގައި އާމިނަތު ނަބީހާ ވަނީ ސީދާ ދެސެޓުން މަރީނާ ބިއެއްލެ ބަލިކޮށްފައެވެ. ސެޓްތައް ގެންދިޔައީ 21-14, 21-14 ނެވެ. ތިންވަނަ ސިންގަލްސް އަށް ނިކުތީ މައިސާ ފަތުހުالله އިސްމާއީލް އެވެ. އެމިލީ ގުރޮންޑިން އަތުން މޮޅުވީ ފަސޭހަ ކަމާއެކުއެވެ. އެއީ 21-6, 21-13 ނެވެ. ޑަބަލްސްގައި ނަބާހާއާއި ނަބީހާ ފުރަތަމަ ނިކުމެ ލީ ހޯއާއި ވާޖިނީ ޓެސާން 21-5, 21-12 ން ބަލިކޮށްފައެވެ.

ޑަބަލްސްގައި މައިސާ ނުކުތީ އައިޝަތު އަފްނާން ރަޝީދުއާ އެކުއެވެ. މެޗު ރީޔޫނިއަން ޕެއާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. އެއީ 24-22, 15-21 އަދި 21-09 ނެވެ.

އާދިއްތަ ދުވަހުގެ މެޗުތަކަށްފަހު އަންހެން ޓީމަށް ރަން މެޑަލް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އަންހެން ޓީމްގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ އުޞޫލުންނެވެ.