ޚަބަރު

ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ކެމްޕޭންތައް ކުރިއަށްގެންދިއުމަށް އީޕީއޭއިން އިލްތިމާސްކޮށްފި


  • ބައެއް ފަރާތްތަކުން ގަސްގަހާ ގެއްސަށް ސްޕްރޭކުރާކަން ފާހަގަކުރެއްވި

  • ދިދަ ހަރުކުރުމަށް މުރަކަތަކަށް ތޮރުފާކަން ފާހަގަކުރެއްވި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައެއް ފަރާތްތަކުން ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުންވާފަދަ ހަރަކާތްތައް ކުރިއަށްގެންދާތީ އެކަމުގެ ކަންބޮޑުވުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ފާޅުކުރައްވައިފިއެވެ.

ކެމްޕެއިން ހަރަކާތްތަކުގައި ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އީ.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ރާއްޖޭގެ ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖަހާ ކެމްޕެއިން ބެނާތައް ޖަހަމުން އަންނަކަމަށް އީ.ޕީ.އޭގެ ބަޔާނުގައި ވިދާޅުވިއެވެ. އަދި ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް އުލާކާފައި ހުންނަކަން ފާހަގަކުރެވޭކަމަށެވެ.

މީގެ އިތުރުން އެކި އިވެންޓްތަކުގައި ގިނަ ޢަދަދަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުންކޮށް، ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖްނުކުރާކަންވެސް އީޕީއޭއިން ފާހަގަކުރައްވައެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ރަށްރަށުގެ ވަށައިގެން ގުދުރަތީގޮތުން އުފެދިފައުވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުންނާއި، ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން ރައްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އީ.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.