ޚަބަރު

ކުށްމަދުކޮށް، މީގެކުރިން ނުލިބޭ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިއްޖެ: މާރިޔާ


  • މި ފަސް އަހަރަކީ އެންމެ ކުށްމަދު ފަސް އަހަރުކަމަށް

  • ފުލުހުންގެ ޚިދުމަތް ރަށްރަށް ފުޅާކުރެވިފައިވާކަމަށް ވިދާޅުވި

ކުށްމަދުކޮށް، މީގެކުރިން ނުލިބޭ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިއްޖެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. މާރިޔާ ވިދާޅުވީ ކުށުގެ ވެށި އަމާން ކުރުމަށް ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އާބާދީގެ ކުޑަބޮޑުމިނެއް ނުބަލައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުންކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ވެގެންދިޔަކަމަށް މާރިޔާ ވިދާޅުވިއެވެ.

2018 ގެ ކުރިން ކުށްތަކަށް މީހުން އަރައިގަނެގެން އުޅުނު މަންޒަރު މިހާރު ނުފެންނަކަމަށާއި، މިފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތިކުށްކުށުން މީހުން ދުރުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބައޮތްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެކަން ޙަސިލުވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންގެ އަމާންކަމާ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުތަކުގެތަކުގެ ސަބަބުން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"މިރާއްޖޭގައި މި ފަސް އަހަރު ކުށްމަދު ކުރެވިފައިވާ މިންވަރު ބޮޑުތަނުން މިވަނީ މަދު ކުރެވިފައި. އެއީ މާލެތެރެ ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން ދަނީ ހަރަކާތްތެރިވަމުން، އެއީ ކްރައިމް ޕްރިވެންޝަންގެ އެއްބައި ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރެވިއްޖެ މިގައުމު އަމާން ކުރުމަށް." މާރިޔާ ވިދާޅުވިއެވެ.

ތަަފާސް ހިސާބުތަކުން ދައްކާގޮތުގައި 2013-2018އާއި ދެމެދު މާރާމާރީގެ 5،587 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. 2019-2023އާއި ދެމެދު ރިޕޯޓްކޮށްފައިވަނީ 2،777 މައްސަލައެކެވެ. ވައްކަމުގެ މައްސަލަތަކުގައި 2013-2018އާއި ދެމެދު 26،146 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު 2019-2023 އާ ދެމެދު ރިޕޯޓްކޮށްފައިވަނީ 18748 މައްސަލައެއްވެ. ކުށުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2013-2018އާއި ދެމެދު 41 މީހަކު އެކި ކުށްކުށުގައި މަރާލެވިފައެވެ. 2019-2023 އާ ދެމެދު 7 މީހުން އެކި ކުށްތަކުގައި މަރާލާފައިވަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.