ޚަބަރު

އެއްވެސް ރަށެއްގައި ބޭރު ސިފައިންނެއް ނުތިބޭނެ: ރައީސް


  • ބޭރުގެ ސިފައިން ރަށްރަށުގައި ތިބިކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް

  • ރާއްޖޭގެ ދާޚިލީ ކަންކަމަށް ބަސްބުނުމުގެ ޖާގައެއް ނޯންނާނެކަމަށް

  • ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވިކަމަށް

ރާއްޖޭގެ އެއްވެސް ރަށެއްގައި ބޭރު ސިފައިން ނުތިބޭނެކަމަށާއި، ދިވެހިންގެ ދާޚިލީ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނެތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު އިނގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިހް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާ އެކަހެރިކޮށް އޮވެގެން މިއަދު އެއްވެސް ޤައުމަކަށް ކުރިއެރުމެއް ނުލިބޭނެކަމަށެވެ. އަދި މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ތަރައްޤީ ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި އިތުރުބާރު ހިފޭ ޤައުމުތަކާ ގުޅުން ބަދަހިކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އައިރުވެސް ބޭރުގެ އެކި ޤައުމުތަކާ ގުޅުން ބަދަހިކޮށް ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ޤައުމުތާއެކު ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިހާތަނަށް އދ.ގެ 185 ޤައުމަކާއެކު ގުޅުން ބަދަހިކޮށް 89 ޤައުމަކަށް ދުރާލާ ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާފައިވަކާމަށެވެ. އެތައް ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވިނަމަވެސް އެއްވެސް ޤައުމަކަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް ބަސްބުނެވޭނެ ޖާގައެއް ނުދެއްވާކަމަށާއި، ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންވެސް ނުދާކަމަށްވެސް ރައީސް ވިދާޅުވީއެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރުގަ ބޭރު ގައުމެއްގެ ސިފައިން އަރާ ފުރިފައޭ އެރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ އެކަހަލަ ވާހަކަ ދެއްކެވުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއްނޫން" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގުޅުންތަކާ ވަކިވެގަތުމަކީ ގައުމިއްޔަތުގެ ގޮތުގައި ބައެއް ސިޔާސީވެރިން ދެކެވަޑައިގަންނަވާކަމަށާއި، އެމީހުން ގެންގުޅެމުން އައީ ބައިނަލްއަޤްވާމީ މައިދާނާ މުޅިން އެކަހެރިވުމުގެ ސިޔާސަތެއްކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަވެ، އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެކި ޤައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުޅުވަމުން އަންނަކަމަށެވެ. އެގޮތުން އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ގާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށާއި، އެޤައުމުގެ ދާއިމީ މަންދޫބެއް ރާއްޖެއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ. ނަމަވެސް ބޭރުގެ ޤައުމުތަކުގެ އިތުބާރު ގެއްލިއްޖެނަމަ އެތަކެއް ގެއްލުމެއް ރާއްޖެއަށް ކުރިމަތިވާނެކަމަށާއި، ކުރިއަށް އޮތްތަނުގައި ލިބެން ހުރި ހިލޭ އެހީތަކާއި ލޯނު އެހީއަށް ބުރުއަރާނެކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.