ސިއްހަތު

އައިޖީއެމްއެޗްގެ އިމަރޖެންސީ ގޭޓް ބަންދުކުރަނީ


އިންދާރީ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އައިސީޔޫ މަރާމާތުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ބޭނުމަށްޓަކައި އިމަޖެންސީ ގޭޓް ބަންދުކުރައްވަން ނިންމަވައިފިއެވެ.

އިމަޖެންސީ ގޭޓް ބަންދުކުރައްވާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެހޮސްޕިޓަލްގެ ޑިރެކްޓަރ ރިފާޢަތު ޢަލީ ޖަލީލް ވިދާޅުވީ، މިހާރު ބޭނުންކުރައްވާ ގޭޓުގެ ބަދަލުގައި ދެން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ފާރމަސީއާ ޖެހިގެން އޮތް އައިޖީއެމްއެޗުގެ ސްޓާފުންގެ ވެހިކަލް ޕާރކިންގ އޭރިޔާ ކަމަށެވެ. އަދި ސްޓާފް އޭރިޔާގައި އިމަރޖެންސީގައި އަންނަ ފަރާތްތަކަށް ވަދެވޭނެ ގޮތަށް ގޭޓެއް ހެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރިފާއަތު ވިދާޅުވިއެވެ.

ރިފާޢަތު ވިދާޅުވީ، ބުރުޒު މަގަށްވާ ގޮތަށް އައިޖީއެމްއެޗަށް ދާ މަގުވެސް ބަންދުކުރަން ނިންމަވާފައިވާކަމަށެވެ. އެހެންނަމަވެސް އެމަގުން ދެވޭނީ ސްޓާފް އޭރިޔާގައި ޤާއިމްކުރައްވާ ގޭޓާ ހަމަޔަށް އިމަޖެންސީގައި ދާ  ވެހިކަލްތަކަށް އެކަނިކަމަށާއި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި އެހެނިހެން ބޭނުންތަކަށް ހޮސްޕިޓަލަށްދާ މީހުންނަށް ޚާއްޞަކުރައްވާފައިވަނީ ކަނބާއައިސާރަނި މަގުގައި ހުންނަ ހޮސްޕިޓްލްގެ އޯޕީޑީ ގޭޓުކަމަށެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އައިސީޔޫ މަރާމަރާތުކުރައްވާ ނިމުމުން އިމަޖެންސީ ގޭޓާއަށް ހަމަޔަށް ދެވެން އޮންނަ މަގު ހުޅުއްވާލާއިރު، އެމަގަކީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި އެމަސައްކަތް ނިންމާލެއްވެވުމަށް 90 ދުވަސް ހޭދަވާނެކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. ހޮސްޕިޓަލުން ވިދާޅުވީ، މިހާރުގެ އިމަޖެންސީ ގޭޓުން ހުޅަނގަށް އޮންނަ ބުރުޒު މަގުގެ ކޮޅާއި، އައިޖީއެމްއެޗްގެ ކުރިމަތީގައި އޮންނަ ޕާރކިން އޭރިއާ އެއްކޮށް ބަންދުކުރައްވަން ނިންމާފައިވަނީ ހޮސްޕިޓަލްގައި އަލަށް ޢިމާރާތްކުރެވުމަށް ހަމަޖެހިފައިވާ 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ކުރެއްވުމަށްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އައިޖީއެމްއެޗުގެ އައިސީޔޫ މަރާމާތުކުރައްވާ އެތަން ތަރައްޤީކުރައްވާ ނިމޭއިރު އެތަނުގައި 15 އެނދު ހުންނާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި އެހޮސްޕިޓަލްގައި މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.