އިންޑިޔާއިން ހަނދުގެ ދިރާސާކުރުމަށް ފޮނުވި ޖައްވީ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ކާމިބުކަމާ އެކު ޖައްސައިފިއެވެ. މިއާ އެކު އިންޑިޔާ ވެގެން ގޮސްފައި މި ވަނީ، ކާމިޔާބު ކަމާ އެކު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވި ހަތަރު ވަނަ ޤައުމަށެވެ. މީގެ ކުރިން ހަނދަށް ދަތުރު ކޮށްފައިވާ ޤައުމުތަކަކީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއެވެ.
އިންޑިޔާގެ ޖައްވީ އުޅަނދު ކަމުގައިވާ "ޗަންދްރަޔާން-3" ހަނދުގައި ޖެއްސި މަންޒަރު ވަނީ ވަގުތުން ދުރަށް ފޮނުވާފައެވެ. އަދި، އެތަކެއް މިލިޔަން މީހުން ވަނީ އެ މަންޒަރު ވަގުތުން ބަލާފައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާ އެ މަންޒަރު ބައްލަވާފައި ވަނީ ދެކުނު އެފްރިކާގައި ހުންނަވައިގެންނެވެ.
"މިއީ، ހަނދާން ނައްތައިލަން އުނދަގޫ ވަގުތު ކޮޅެއް. މިއީ، ބަޔާންކޮށްދޭން ދަތި ވަގުތުކޮޅެއް. މިއީ، އައު އިންޑިޔާގެ ގޮވައިލުމުގެ ފެށުން،" މޯދީ ވިދާޅުވިއެވެ. އޭނާ ދެކުނު އެފްރިކާއަށް ވަޑައިގަންނަވާފައި ވަނީ ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ސިމިޓުގައި ބައިވެރިވެ ވަޑައިގަންނަވާށެވެ.
ހަނދަށް ކާމިޔާބުކަމާ އެކު ޖައްވީ އުޅަނދެއް ފޮނުވުމަކީ އިންޑިޔާގެ ޖައްވީ ޕުރޮގުރާމުގެ އިތުރުން އިންޑިޔާގެ ރައްޔިތުންނަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ބޮޑު ފަޚުރެކެވެ. ޗަންދްރަޔާން-3 ހަނދުގެ ދެކުނު ތަނޑިއަށް ޖެއްސުމާ އެކު އެ މަންޒަރު ވަގުތުން ބަލަމުން ދިޔަ އެތަކެއް މިލިޔަން މީހުން ވަނީ އުފާ ފާޅުކޮށްފައެވެ. އިންޑިޔާގެ އުޅަނދު ހަނދުގައި ޖައްސާފައި ވަނީ، ރަޝިޔާއިން ހަނދަށް ފޮނުވި އެ ފަދަ އުޅަނދެއް ވެއްޓުނުތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އިންޑިޔާއިން ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދެއް ފޮނުވުމަކީ ހަނދާ ގުޅޭ ދިރާސާތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއް ސަބަބަކީ، މިއީ ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދެއް ކާމިޔާބުކަމާ އެކު ފޮނުވާފައިވާ ފުރަތަމަ ފަހަރު ކަމަށް ވުމެވެ. އަދި، މިއީ އިންޑިޔާގެ ޖައްވީ ޕުރޮގުރާމަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި، އެ ޕުރޮގުރާމުގެ ނަން ތާރީޚުގެ ފަތްފުށްތަކުގައި ލިޔެވިގެންދާނެ ސަބަބެކެވެ.
"އިންޑިޔާއިން ހަނދަށް ގޮސްފި،" އިންޑިޔާގެ ޖައްވީ ދިރާސާއާ ބެހޭ އިދާރާ އިންޑިޔަން ސްޕޭސް ރީސަރޗް އޮގަނައިޒޭޝަން (އައި.އެސް.އާރް.އޯ)ގެ އިސްވެރިޔާ އެސް. ސޯމަނާތު ވިދާޅުވިއެވެ. މިއީ، އިންޑިޔާއިން ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން މަސައްކަތް ކުރި ދެވަނަ ފަހަރެވެ. ޗަންދްރަޔާން-3 ހަނދުގައި ޖެއްސި މަންޒަރު ޔޫޓިޔުބް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައިވާއިރު، ހަތް މިލިޔަނަށް ވުރެ ގިނަ މީހުން އެ ލައިވް ސްޓްރީމް ވަގުތުން ބަލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ހިންދީ ބަހުންނާއި ސާކްސްކުރިތު ބަހުން ޗަންދްރާޔަންގެ މާނައަކީ ހަނދުގެ އުޅަނދެވެ. އައި.އެސް.އާރް.އޯއިން މީގެ ކުރިން ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން މަސައްކަތް ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ފޮނުވި ޗަންދްރަޔާން-2 ވަނީ ހަނދަށް ވެއްޓިފައެވެ. ޗަންދްރަޔާން-3 ކާމިޔާބުކަމާ އެކު ހަނދުގައި ޖެއްސުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މޯދީއާއި އިންޑިޔާގެ ރައްޔިތުންނަށް މަރުޙަބާ ކިޔަމުންނެވެ.