ވިޔަފާރި

އެޗްޑީއެފްސީއަށް 150 މިލިއަން ރުފިޔާގެ ލޯނެއް ސިލޯނުބޭންކުން ދީފި


ގޯތިގެދޮރު ޢިމާރާތް ކުރުމުގެ ދާއިރާއިން ލޯނު ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީ އަށް ބޭންކް އޮފް ސިލޯނުން 150 މިލިއަން ރުފިޔާގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިލޯނު އެއްބަސްވުމުގައި ސިލޯނު ބޭންކާއެކު ސޮއި ކުރުމަށްފަހު އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އޭޑީ ޕްރިޔަންކާ ބައްޑެވިތާ ވިދާޅުވީ މި ލޯނަކީ އެ ކޯޕަރޭޝަނަށް ދިވެހި ރުފިޔާއިން ލިބުނު ފުރަތަމަ ލޯނުކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް މިލޯނުގެ ފައިސާ ދޫކުރެވޭނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މި ލޯނަކީ އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު، ހަތް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެޗްޑީއެފްސީއަށް ދީފައިވާ ލޯނެކެވެ. 

މިއަދު ސޮއި ކުރި ލޯނު އެއްބަސްވުމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އޭޑީ ޕްރިޔަންކާ ބައްޑެވިތާއެވެ. އަދި ސިލޯން ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ ޑީއެމްއެލްބީ ދައްސަނަޔަކައެވެ.