ޚަބަރު

މުއްދަތު ހަމަވެފައިވާ އައިވީތަކެއް ބޭނުންކުރުމާގުޅިގެން 4 ސްޓާފަކު މަސައްކަތުން އެކަހެރިކޮށް މައްސަލަ ބަލަނީ


  • މި މައްސަލައިގައި ހެލްތު ސެންޓަރަށް ރަށުގެ އާއްމުން އެއްވި

  • މިކަމުގައި ޝާމިލުވިކަމަށް ބުނާ 4 ސްޓާފަކު ވަނީ މަސައްކަތުން އެކަހެރިކޮށްފައި

  • ތަޙުޤީޤުކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވޭ

ގދ. ގައްދޫ ހެލްތު ސެންޓުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ފަރުވާ ދިނުމަށް ބޭނުންކުރި މައްސަލަ ސަމާލުކަމަށް އައުމާގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ގައްދޫ ހެލްތު ސެންޓަރަށް ރަށުގެ އާއްމުން އެއްވެ ނުރުހުން ފާޅުކުރާ މަންޒަރާއި، އެކަން ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ގައްދޫ ހެލްތު ސެންޓަރުގައި މުއްދަތު ހަމަވެފައިވާ އައިވީ ފްލުއިޑްތަކެއް ބޭނުންކުރި މައްސަލަ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު މިވަގުތު ކުރިއަށްދާތީ، މިކަމުގައި ޝާމިލުވިކަމަށް ބުނާ 4 މުވައްޒަފަކު މަސައްކަތުން އެކަހެރިކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، މިކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.