ޚަބަރު

މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި


  • މާޅޮހުގައި ކުރިއަށްގެންގޮސްފައިވަނީ ފެނާ ނަރުދަމާގެ މަސައްކަތް

  • ދޮންފަނު ގޮނޑުދޮށް ހިމާޔަތްކޮށް، ބަނދަރު ވަނީ ހަދާފައި

  • ދޮންފަނުގައި ފެނަކަ އައު އޮފީސް އިމާރާތެއް ވަނީ ހުޅުވާފަ

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު، ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު މެންދުރުކުރީގައި ވަނީ، ބ. މާޅޮހަށާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުންފާހަގަކޮށްދެއްވި ބ. މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ފެން ރައްކާކުރުމަށް 310 އަކަމީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަމީޓަރުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ. އަދި ޕަންޕް ސްޓޭޝަނަކާއި، 144 ސްވަރޭޖް މެއިން ހޯލް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި މަޝްރޫއުގެ ތެރޭގައި މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ވަނީ ޤާއިމުކޮށްފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

ބ. ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ. ދޮންފަނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 536 މީޓަރުގެ ރިވެޓްމެންޓްވަނީ ޖަހާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުފުންކޮށް އެއްގަމުތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ.