ޚަބަރު

ހިތަދުއާއި ހުޅުމީދޫ ބްރިޖުން ގުޅާލުމުގެ މަޝްރޫޢު ޙަގީޤަތަކަށް ހަދާނަން: މުޢިއްޒު


  • ކެމްޕެއިން ދަތުރުގައި މުޢިއްޒު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައި

  • އައްޑޫއަށް 6000 ޓުއަރިޒަމް އެނދު، 10000 ވަޒީފާ އިތުރުކޮށްދެއްވާނެކަމަށް

  • ހިތަދުއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާނެކަމަށް

އައްޑޫ ސިޓީ ހިތަދުއާއި، ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫ، ބްރިޖަކުން ގުޅާލާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އައްޑޫ ސިޓީއަށް ވަޑައިގެން، ހިތަދޫގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީގައި ކުރިއަށްގެންދަވާނެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ ތަފްސީލް ޙިއްސާ ކުރައްވާފައެވެ. މުޢިއްޒު ވިދާޅުވީ، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުޞަތުތައް ފަހި ނުވެ ރާއްޖެ ކުރިނާރާނެކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގައި އިޤްތިޞާދީ ބޮޑެތި މަސައްކަތްތަކެއް ކުރިއަށްގެންދެވުމަށް ރާއްވަވާފައިވާކަން ހާމަކުރައްވާ މުޢިއްޒު ވިދާޅުވީ، "އައްސޭރި ޓުއަރިޒަމް" ކޮންސެޕްޓް ޙަގީގަތަކަށް ޙައްދަވާނެކަމަށެވެ. އެގޮތުން ޓޫއަރިޒަމަށް 6000 އެނދު ނެރެ، މުޅިން އަލަށް 10000 ވަޒީފާ އުފައްދަވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރައްވާނީ، އެ އިންވެސްޓްމަންޓްގައި ސަރުކާރުގެ ބައިވެރިވުންވެސް އޮންނަގޮތަށްކަމަށްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ސީ ޕްލޭން ހަބެއް ޤާއިމުކުރައްވާނެކަމަށްވެސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. މީގެ ފައިދާ އައްޑޫ ސިޓީގެ އިތުރުން، ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވަޢުދުވެފައިވާގޮތަށް އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅާލާ ބްރިޖް މަޝްރޫޢު ހަގީގަތަކަށް ހައްދަވާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

"އައްޑޫ ހުޅުމީދުއާއި ހިތަދޫ ގުޅާލުމަކީ ރައީސް ޔާމިން ވެވަޑައިގެންނެވި ވަޢުދެއް. އެކަން ކުރާނަން. އެއީ އައްޑޫގެ ޓުއަރިޒަމް ޕްލޭނާއެކު ތަރައްޤީއާއި ކުރިމަގަށް އެޅޭ ފިޔަވަޅެއް. މިއީ އައްޑުއަށް ތަފާތު ގެންނާނެ މަޝްރޫޢުއަކަށް ވާނެ." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ އައްޑޫ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރައްވާނެކަމަށް ވިދާޅުވެފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ ބޭނުމަކަށްވީ، ރަށުން ބޭރަށް ނުގޮސް ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުންކަން މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް، އަމިއްލަ ރަށުގައި ތިބެގެން ސިއްޙީ ބޮޑެތި ޚިދުމަތްތައް ލިބޭނެ މަގު އައްޑޫގެ ރައްޔިތުންނަށް ފަހިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ސްކޫލްތައް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރުޢުތައް އައްޑުއަަށް ގެންނާނެކަމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.