ޚަބަރު

ރައީސް ދެއްވި ޔަޤީންކަން: ޖެނުއަރީން ފެށިގެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ


  • 44000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ

  • އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން %40 ބޮޑުވާނެ

  • އެއާއެކު ދިރިއުޅުމަށްވެސް ހެޔޮ ބަދަލެއް އަންނާނެ

އަންނަ ޖެނުއަރީ މަހުން ފެށިގެން 44000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ %40 އަށް ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭންގެ ތެރެއިން ބ. ތުޅާދޫގައި އެމް.ޑީ.ޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އަންނަ އަހަރަށް ފާސްކުރާ ބަޖެޓާއެކު ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސްގެ މުވައްޒަފުންނާއި އިމިގްރޭޝަނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި އިމާމުންނާއި މުދިމުން ހިމެނޭހެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.

މިއާއެކު ސަރުކާރުގައި މަސައްކަތް ކުރާ 44280 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މުސާރައަށް ގެންނަ ބަދަލާއެކު އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން %40 ބޮޑުވާނެކަމަށެވެ. މިބަދަލާއެކު މިހާރު އެންމެ އާދައިގެ ފުލުހަކަށް 11،000 ރުފިޔާ ލިބުނުނަމަވެސް މުސާރައަށް އަންނަ ބަދަލާއެކު މަދުވެގެން 15،400 ރުފިޔާ ލިބޭނެއެވެ.

ސިފައިންގެ ޕްރައިވެޓުގެ މަޤާމުގައި ހުންނަ އޮފިސަރެއްގެ މުސާރަ 11،500 ރުފިޔާއިން 16،100 ރުފިޔާއަށް ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްގެ އާދައިގެ މުވައްޒަފެއްގެ މުސާރަ 7،200 އިން 10،500 ރުފިޔާއަށް ބޮޑުވާނެކަމަށާއި، ސިވިލް ސަރވިސް ޑަިއރެކްޓަރުންގެ މުސާރަ 16،000 ރުފިޔާއިން 23،200 ރުފިޔާއަށް ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މުސާރަ ބޮޑު ކުރުމަށް ހިސާބު ޖަހައި، ތާވަލު މިހާރު ވަނީ ކޮށްފައި ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ. އަދި އެއިރުން ކޮންމެ އާއިލާއެއް ވެސް ފުދުންތެރި އާއިލާއަކަށް ވެގެންދާނެ. އަޅުގަނޑު ހިތުން މި ބަދަލު އައުމާއެކީގައި، އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ. ދެމަފިރިއަކު، ދަރިއަކު ގޮވައިގެން މިހާރު އުޅެންޖެހޭ ހާލަތު އަޅުގަނޑުމެންނަށް އެނގޭ. ކިހިނެއްތޯ 10،000 ރުފިޔާ ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ނޭޝަނަލް ޕޭ ފްރޭމް ވާރކާއެކު އެކި ދާއިރާތަކުގައި ހުރި މުސާރައިގެ ފަރަޤު ނައްތައިލައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރައިގެން ދިޔުމުގައި ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެ ފަދަ ގޮތަކަށް މިފްރޭމްވޯކް އެކުލަވާލެއްވުމެވެ.

މި އަމާޒަށް ވާޞީލްވުމަށްޓަކައި މިހާރު ވަނީ 3 ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައެވެ. އެއީ ސިޢްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މުދައްރިސުންގެ މުސާރައިގެ އިތުރަށް ޔުނިވަރސިޓީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައެވެ.