ޚަބަރު

ވިލާގެ ޚިދުމަތްތަކަކީ ސަރުކާރުގެ އަގުތައް ހިފަހައްޓަން ފޯރުކޮށްދޭ ޤައުމީ ޚިދުމަތެއް: ޤާސިމް


  • ޤާސިމް ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ކެމްޕޭން ދަތުރުކުރައްވަމުން

  • ވިލާގެ ބޭނުމަކީ ސަރުކާރުންދޭ ޚިދުމަތްތަކުގެ އަގު ހިފެހެއްޓުންކަމަށް ޤާސިމް ވިދާޅުވޭ

  • ވެރިކަމަށް ކުރިމަތިލެއްވީ ޤައުމުގެ ޙާލަތު ދާގޮތުން މިއަށްވުރެ ނުރައްކަލަށް ދިޔުމުން ސަލާމަތްކުރަން

ރައްޔިތުންނަށް ބޭނުންވާ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދީ އަގުތައް އަތްފޯރާ ފަށުގައި، ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ށ. ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، ވެރިކަމަށް އައުމަކީ އެއްވެސް ޙާލެއްގައި ބޭނުންވީގޮތެއް ނޫންކަމަށެވެ. އަދި 2018 އަށްފަހު އިސްލާޙީ މަސައްކަތާއި ދުރުގައި ހުންނެވޭނެ ފުރުޞަތު ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރެއްވުނީ، ޤައުމު އޭގެފަހުން އަމާންކަންމަތީ ކުރިއަށްދާނެކަމަށް އުއްމީދުކުރެއްވުނީތީކަމަށާއި އެއީ ކުށް ހީއެއްކަން މިއަދު އެނގިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން އިސްލާޙީ މަސައްކަތުގައި އަބަދުވެސް އެކުގައި ތިއްބެވި ބޭފުޅުންނާއެކު އަލުން ނުކުމެވަޑައިގަތީ އަމިއްލަ އެއްވެސް ބޭނުމެއް ނެތި ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްކޮށްދޭންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެބޭފުޅާގެ ވިޔަފާރިތަކުން ކުރެއްވީ ޤައުމީ ޚިދުމަތްކަމަށެވެ. އެގޮތުން އެވިއޭޝަނާއި، ގޭހާއި އެނޫންވެސް ކަންކަން ކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ޢާއްމުންނަށް ދެމުންދިޔަ ޚިދުމަތްތަކުގެ އަގުތައް ހިފެހެއްޓެވުންކަމަށާއި، ސަރުކާރުތަކުން ބޭނުންހާގޮތެއް ނުހެދެނީ އެހެންވެކަމަށެވެ.

"އެއީ އަޅުގަނޑު ފޯރުކޮށްދިން ޚިދުމަތެއް ޤައުމަށް. އިސްލާޙީ މަސައްކަތްތަކުގަ އަޅުގަނޑަށް ލިބެމުންއައި ފައިދާގެ ގާތްގަނޑަކަށް 60 އިންސައްތަ އަޅުގަނޑު އައީ އިންސާނިއްޔަތަށްޓަކައި، މިޤައުމުގެ ކުރިއެރުމަށްޓަކައި، ސިޔާސީ އިޖްތިމާޢީ އަދި އިޤްތިޞާދު ކުރއެރުވުމަށްޓަކައި ކޮންމެ ބަޔަކު އެދިގެން އައިކަމުގައިވިޔަސް ކޮށްދެވެން އޮތް މިންވަރަކުން އެހީތެރިވެދިނުން." ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި އިއްޔެއާއި މިއަދު އަންނަނީ ހދ. އަދި ށ. އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. މިގޮތުން މިދަތުރުގެ ތެރެއިން ށ. ފޭދޫއާއި ނޫމަރާއާއި ށ. ފީވަކާއި، ށ. ފުނަދޫއާއި، ށ. މިލަންދޫއާއި، ށ. ކޮމަންޑޫއާއި ށ .ގޮއިދޫއަށާއި ހދ. ކުމުންދޫގެ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.