ސޫރިޔާގައި ތިބި ރަޝިޔާގެ އަސްކަރީ ބާރުތައް އެގައުމުން ފޭބުމަށް ރައީސް ވްލަޑިމިޔަރ ޕޫޓިން އަމުރު ކުރައްވައިފިއެވެ. ކްރެމްލިންގައި ބޭއްވި ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވީ ސޫރިޔާގައި ރަޝިޔާއިން ޙާސިލްކުރަން ބޭނުންވި މައިގަނޑު ލަނޑުދަނޑިތައް މިހާރު ޙާސިލް ކުރެވިފައިވާ ކަމަށާ އެހެންކަމުން ކުރިޔަށްއޮތް ފަސް މަހުގެ ތެރޭގައި ރަޝިޔާގެ ބާރުތައް ސޫރިޔާއިން ފޭބުމަށް މިހާރު އަމުރުކުރައްވާފައިވާނެ ކަމަށެވެ.
ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލުމަށް ޕޫޓިން ނިންމެވި މިނިންމެވުން އޭނާވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާ ހިއްސާ ކުރައްވާފައެވެ. ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ ރަޝިޔާގެ ބާރުތައް ސޫރިޔާއިން ފައިބާނެކަން ރައީސް ޕޫޓިން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ފޯނުގެ ޒަރީއާއިން ދަންނަވާފައިވާ ކަމަށެވެ. ޕޫޓިންގެ މިނިންމެވުމާ ގުޅިގެން ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ބާރުތަކުގެ ބޮޑުބައި އެގައުމުން ފައިބާނެ ކަމަށާ ނަމަވެސް ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ބޭސްތަކުގައި ރަޝިޔާގެ މަދުއަދަދެއްގެ ސިފައިންނާއި މުދައްރިބުންނާ އަދި ހަތިޔާރު ދާއިމީ ގޮތަކަށް ބައިތިއްބާނެ ކަމަށެވެ.
ސޫރިޔާގައި ރަޝިޔާގެ ސިފައިންގެ ކުޑަވަރެއްގެ ބާރެއް ދާއިމީ ގޮތަކަށް ބޭތިއްބުމުގެ ބޭނުމަކީ އެގައުމުގައި ކުރިޔަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރާ ގޮތް ބަލައި މޮނިޓަރ ކުރުމާއި ޖެނީވާގައި ފެށުނު ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ބާރުއެޅުން ކަމަށްވެސް ކްރެމްލިންގެ ބަޔާން ބުނެއެވެ. މިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވީ ރަޝިޔާއިން ސޫރިޔާގައި ކުރިޔަށްގެންދިޔަ އަސްކަރީ ދައުރު ނިމުމަކަށް ގެނަސް ސޫރިޔާގައި ސުލްހަ ގާއިމް ކުރުމުގެ ކަންތައްތަކަށް އިސްކަން ދިނުމަށް އޭނާ ނިންމާފައިވާކަމަށެވެ. އެހެންކަމުން ޖެނީވާގައި ފެށިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ކާމިޔާބުކޮށް ސޫރިޔާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭފަދަ ސުލްހައިގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް ޓަކައި ރަޝިޔާއިން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަ ކުރުމަށް މިހާރު އަމުރުކުރައްވާފައިވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ރަޝިޔާގެ ދިފާއީ ވުޒާރާއާއިންނާ އަދި ދިފާއީ ބާރުތަކުން ޙާސިލްކުރަން ބޭނުންވި ބޮޑުބައެއްވަނީ ޙާސިލް ކުރެވިފާ. އެހެންކަމުން މިކަމާގުޅިގެން އަހަރެންވާނީ ރަޝިޔާގެ މައިގަނޑު އަސްކަރީ ބާރުތައް މާދަމާއިން ފެށިގެން ސޫރިޔާގެ އަރަބި ޖުމްހޫރިއްޔާއިން ފައިބަން ފެށުމަށް ދިފާޢީ ވަޒީރަށް އަމުރުކޮށްފާ." ޕުޓިން ވިދާޅުވިއެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތައް ވަނީ ޕޫޓިންގެ މމިނިންމެވުމަށް ހޫނު މަރްޙަބާއެއް ކިޔާފައެވެ. ސޫރިޔާގެ އިދިކޮޅު ލީޑަރުން ވިދާޅުވީ ޕޫޓިންގެ މިނިންމެވުމަކީ އީޖާބީ ނިންމެވުމެއް ކަމަށެވެ. އަދި މިކަން ޢަމަލީގޮތުން ފެންނަންޖެހޭ ކަމަށާ ރަޝިޔާގެ ބާރުތައް ސޫރިޔާއިން ފައިބައިގެން ދާތަން ފެނުމުން ނޫނީ ޕޫޓިންގެ ނިންމެވުމުގެ ސީރިޔަސްކަން ވަޒަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ސޫރިޔާގެ އިދިކޮޅު ލީޑަރުން ވަނީ ވާހަކަ ދައްކަވާފައެވެ.