ޚަބަރު

ހޯރަފުށީގައި ހޮސްޕިޓަލެއް ތަރައްޤީކުރަން ޙަވާލުކޮށްފި


  • ހޯރަފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 1 އަހަރާ 6 މަސްދުވަހުން

  • ޕްރޮޖެކްޓްގެ އަގު 85.7 މިލިއަން ރުފިޔާއަށް އަރާ

ހއ.ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް މަސައްކަތުގެ ކޮންޓްރެކްޓަރާއި ހަވާލުކުރައްވައިފިއެވެ.

ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކާއެކު، ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނި 30 އެނދުގެ ހޮސްޕިޓަލަކީ އަތޮޅުތަކުގެ 34 ރަށެއްގެ ސިއްޙީ މަރުކަޒާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސްއިން ޖޮއިންޓް ވެންޗަރ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

85.7 މިލިއަން ރުފިޔާއަށް، 1 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައިި ނިންމާގޮތަށް އެކުންފުންޏާއި ހަވާލުކޮށްފަިއވަނީ ހޮސްޕިޓަލްގެ އިމާރާތް އެޅުމުގެ މަސައްކަތެވެ.

ގާތްގަނޑަކަށް 3500 މީހުންގެ އާބާދީއެއް އޮތް ހޯރަފުށީގައި ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ސަަރުކާރުން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ އަތޮޅުތަކުގެ 34 ރަށެއްގެ ސިއްޙީ މަރުކަޒާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ. މީގެތެރޭގައި ސިއްޙީ މަރުކަޒުތައް ހިންގަމުން އައި ގިނަ ރަށްތަކެއްގެ ޚިދުމަތް، ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށް ތަރައްޤީކުރުން ހިމެނެއެވެ. އެއީ 30 އެނދާއި، 50 އެނދުގެ ހޮސްޕިޓަލްތަކެކެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމާއި، އަދި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތްތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި އާ ގިނަ ޚިދުމަތްތައް އަންނަނީ ތަޢާރަފުކުރަމުންނެވެ.