ޚަބަރު

ވޯޓުލުމުގެ ޙައްޤު 282،395 މީހުންނަށް، ފައިނަލް ލިސްޓް ޢާންމުކޮށްފި


  • ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް

  • ލިސްޓު ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެ

  • ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ފައިނަލް ވޯޓާސް ލިސްޓު ގެޒެޓުކޮށްފިއެވެ.

ރިޔާސީ އިންތިޚާބަށް 20 ދުވަހަށް ވެފައިވާއިރު އިލެކްޝަނުން ގެންދަވަނީ އިންތިޚާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކޮމިޝަނުން އިންތިޚާބަށް ދުރާލައި އެންމެ ބޮޑަށް ކަށަވަރު ކުރަމުން ގެންދަވާ އެއްކަމަކީ ވޯޓުލާ މީހުންގެ ލިސްޓު ސައްޚަ ކުރުމެވެ. އެތައް ފަހަރެއްގެ މަތީން ޝަކުވާ ހުށަހެޅުމާއި، ލިސްޓު ކަށަވަރު ކުރުމަށް އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޢާންމު ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ މީހަކުވެސް ވޯޓުލާން ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް އިލްތިމާސް ކުރައްވާފައެވެ. ވޯޓުލާމީހުންގެ ލިސްޓު ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެއެވެ.


އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކްތެރިވުމަށް 1700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.