ވެރިކަން ލިބިއްޖެނަމަ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަގީރު 1،000 މީހަކު ހައްޖަށް ފޮނުވައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެ ވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭންގައި މ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއިި ސަރުކާރުން އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.
މުއިއްޒު ވިދާޅުވީ އަމިއްލަ ޚަރަދުގައި ހައްޖަަށް ނުދެވޭ އެކަމުގެ ތަނަވަސްކަން ނެތް ނިކަމެތި މީހުންގެ ތެރެއިން 1،000 މީހުން ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްޖަށް ފޮނުވައި ދެއްވާނެކަމަށެވެ. މުއިއްޒު ވަނީ ޒަކާތު ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ޒަކާތު ފަންޑު ހަރުދަނާކޮށް، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާނެ ކަމަށްވެސް އިއުލާންކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ބޮޑު ކަންނެލި މިފްކޯއިން ގަންނަން ފައްޓަވާނެ ކަމަށެވެ. އަދި ބޮޑު ކަންނެލީގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓެވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން ބޮޑު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 80 ރުފިޔާއަށް ކަމުގައި ކަނޑައަޅުއްވާނެ ކަމަށާއި، އަދި އޭ ގުރޭޑު ކަންނެލި ގަންނަ އަގަކީ 100 ރުފިޔާކަމަށް ކަނޑައަޅުއްވައި ނިންމަވާނެ ކަމުގައިވެސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލު މިހާރު ވިއްކަމުންދާ އަގަށްވުރެ ހެޔޮ އަގުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ ގޮތް ފަހިކުރައްވައި އެކަމުގެ ޚާއްޞަ ސިޔާސަތުތަކެއް ތަންފީޒުކުރައްވާނެ ކަމުގައިވެސް މުޢިއްޒު ވިދާޅުވިއެވެ. މިކަންކަން ހާސިލުކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ އެކަންކަން ހާސިލުކުރުމަށް ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެމަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވާނެ ކަމަށެވެ.
މުއިއްޒު ގެންދަވަނީ ރިޔާސީ ކެމްޕޭންގައި މ.އަތޮޅުގެ ރަށްތަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ގެންދަވަނީ ދެކުނުގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.