ޚަބަރު

ހުރިހާ ޚަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި


  • މިވަގުތު މި އުޞޫލަށް އަމަލުކުރަމުންދާނީ ހަމައެކަނި މާލެ ސަރަޙައްދުގެ ޚަތީބުން

  • ޚަޠީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅާނެ

  • މަޤްޞަދަކީ އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުން

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް ޢަމަލުކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވަނީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައިކަމަށެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުން ޢަމަލުކުރާގޮތަށް ހަމަޖެއްސެވިނަމަވެސް، ކުރިއަށް އޮތްތާނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ޚަޠީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނެކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި މިފަދައިން ޢަމަލުކޮށްފައިވީނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ. ނަމަވެސް މިއަދު ޢަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.