ޚަބަރު

ކެންޑިޑޭޓުންގެ ރިޔާސީ ބަހުސް ސެޕްޓެމްބަރު 1ގައި


  • ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ 9 ޖަހާއިރު

  • ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެ

  • މިފަހަރުގެ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ނިންމައިފިއެވެ. ރިޔާސީ ބަހުސަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ބާއްވަމުން އަންނަ ޢާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ބަހުސެކެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ޕާޓީތަކުގެ ޓިކެޓްގައި ނިކުންނެވި ބޭފުޅުން:

1- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
2- ޑރ. މުހައްމަދު މުޢިއްޒު / ޙުސެއިން މުހައްމަދު ލަޠީފް (ޕީއެންސީ)
3- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
4- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަޞީރު (އެމްއެންޕީ)
5- އިލްޔާސް ލަބީބް / ހުސެއިން ޢަމްރު (ދަ ޑިމޮކްރެޓްސް)

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން:

1- އަޙްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްޞައްތާރު ޔޫސުފް
2- އުމަރު ނަސީރު / މުހައްމަދު ސަލީމް
3- ޙަސަން ޒަމީލް / މަރިޔަމް ޢަލީމް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސަކީ މިހާތަނަށް ކޮންމެ އިންތިޚާބެއްގައިވެސް ޕީއެސްއެމްއިން ގެންދޭ ބަހުސެކެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ބަހުސްގައި ބައިވެރިވުމުގެ ދަޢުވަތު ކެންޑިޑޭޓުން ވަނީ ގަބޫލު ކުރައްވައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އަންގަވާފައެވެ.

ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ 9 ޖަހާއިރު ޓީވީއެމްގައެވެ. ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި، ސިޔާސަތުތަކާއި، ކުރިއަށް އޮތް ފަސްއަހަރާއިމެދު އުންމީދުކުރާ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ދުރާލައި ވަނީ ކެންޑިޑޭޓުންނަށް ވަގުތުލިބޭނެހެން ޕްރޮގުރާމުތައް ފަށާފައެވެ. މިގޮތުން މިހާރުވެސް ޕީއެސްއެމްގެ ޗެނަލްތަކުން "ރިޔާސީ ކެންޑިޑޭޓަކާއިއެކީ" ޕްރޮގުރާމާއި، "މެނިފެސްޓޯ" ޕްރޮގުރާމު ދަނީ ގެނެސް ދެމުންނެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ރިޔާސީ ސިޔާސަތުގެ ނަމުގައި ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ލިބޭ ޕްރޮގުރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިހުރިހާ ޕްރޮގުރާމެއްގައިވެސް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރައްޔިތުންނަށް ހަމައަށް ގެނެސްދެއްވަން ބޭނުންފުޅުވާ ތަސައްވުރާއި، އުންމީދުތަކާއި ގުޅޭ މުހިންމު މެސެޖުތައް ދެއްވުގެ ފުރުސަތު މިޕްރޮގުރާމުތަކުގެ ޒަރީއާއިން ލިބިވަޑައިގަންނަވާނެއެވެ.