ޚަބަރު

ޖޭޕީގެ މެނިފެސްޓޯ: ޢުމުރުން ދުވަސްވީ މީހުންގެ ޢިނާޔަތް 7000ރ އަށް


  • ޢުމުރުން ދުވަސްމީ މީހުންގެ ޢިމާޔަރަކީ މިހާރު 5000ރ

  • ޤާސިމް ވަޢުދުވެވަޑައިގަތީ އެ ޢަދަދު 7000ރ އަށް ބޮޑުކުރެއްވުމަށް

  • މަސްވެރިކަމުގެ ދާއިރާއިންވެސް ގިނަ ވަޢުދުތަކެއް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ޢިނާޔަތު 7000 ރުފިޔައަށް ބޮޑުކޮށްދެއްވުމަށް އެޕާޓިގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވަޢުދުވެވަޑައިގެންފިއެވެ.

ޕީއެސްއެމްގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި ޤާސިމް އިބްރާހީމް ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެނިފެސްޓޯ އެކުލަވާލުމުގައި މަސައްކަތްކުރެއްވި ޝެއިޚް މޫސާ ނިޒާރު އިބްރާހީމް ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލުމުގައި ޤާސިމް އިބްރާހީމް ޚާއްސަ ސަމާލުކަމެއް ދެއްވި އެއްދާއިރާއަކީ ޢުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުންދާ ޢިނާޔަތު ބޮޑުކޮށް އެމީހުނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

"އަސްލު މީގެ ބޭނުމަކީ ނަންބަރު ބަދަލުކުރުމެއް ނޫން. ރާއްޖޭގެ އިންފްލޭޝަން މައްޗަށް އެބަދޭ، އެހެންވީމަ އިންފްލޭޝަން މައްޗަށް ދާނަމަ އެލިބޭ އެއްޗެއްވެސް ބޮޑުކުރެވިގެން އެފަރާތްތަކަށް އޭގެ ފައިދާއެއް ކުރާނީ." ޝެއިޚް މޫސާ ނިޒާރު އިބްރާހީމް ވިދާޅުވިއެވެ.


ނިޒާރު ވަނީ ޤާސިމްގެ ވެރިކަމުގައި ގެންގުޅުއްވާނެ މަސްވެރިކަމުގެ ސިޔާސަތުވެސް ހިއްސާ ކުރައްވާފައެވެ. ނިޒާރު ވިދާޅުވީ، ދިވެހި މަސްކަނޑުތަކުގެ މަންފާ އަދިވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ދިވެހިންނަށް ނުލިބޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ މަސްކަނޑުތަކުގައި ޢާއްމުކޮށް މަސްބޭނުމަށް ބޭނުންކުރާ ސަރަޙައްދުގެ 100 މޭލު ބޭރުން މަސް ބޭނޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ. އެގޮތުން އެކަމަށް ޚާއްޞަ 50 އުޅަނދު މަސްވެރިންނަށް ފޯރުކޮށްދިނުމަކީވެސް ޤާސިމްގެ މެނިފެސްޓޯގައި ހިމެނޭ ޚާއްސަ ކަމެއްކަމަށް ނިޒާރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައިވަނީ 9 ދާއިރާއެއް ކަނޑައަޅާ އެދާއިރާތަކުން ރައްޔިތުންނާއި ގުޅުންހުރި ކަންކަމާއި ހުރި މައްސަލަތައް ޙައްލުކުރާނެ ގޮތް ބަޔާންކޮށްފައިވާކަމަށް އެޕާޓީން ބުނެއެވެ. މެނިފެސްޓޯގައި އެދާއިރާތައް އެކުލަވަލާފައިވަނީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެންކަމަށްވެސް ޖުމްހޫރީ ޕާޓީން ބުންޏެވެ.