ޚަބަރު

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކަނީ


  • ހުޅުމާލެއިން ބިން ހިއްކަވާނެކަމަށް ރައީސް ކުރިން ވަނީ ޢިޝާރާތްކުރައްވާފައި

  • ހިއްކުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގެ ފަޅުތެރެއިން

  • އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން މިހާރުވަނީ އަންގާފައި

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކަން ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ތައްޔާރުވާން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި މިވަގުތުވެސް ބިންހިއްކުމުގެ މަސައްކަތް ކުރަމުންއަންނަ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެޗްޑީސީން އަދި ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ދާދިފަހުން އެޗްޑީސީންވަނީ ހުޅުމާލޭގެ ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ޢާއްމުކޮށް އަންގާ ޢިއުލާންކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ، އެކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢަކާއި ގުޅިގެން ފަޅުތެރޭގައި އަޅާފައިވާ އަދި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެތަނުން ނެގުމަށް ބޭނުންވާކަމަށެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެއުޅަނދެއް ނެގުމަށްވަނީ އަންގާފައެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނަގާ އުޅަނދުތަކާއި މެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅުއަޅާނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ދަތިނުވާނެހެން މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ސަރަޙައްދާއި ޖެހިގެން އޮތް ފަޅުގެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން ޢަމަލުކުރުމަށް އެޗްޑީސީންވަނީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްވެސްވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލެއިން އިތުރަށް ހިއްކަވާނެކަމަށެވެ.