ޚަބަރު

އެމްޑީޕީގެ "އަމާން މުޖުތަމަޢު": ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތްކުރެވޭނެ ނިޒާމެއް


  • "އަމާން މުޖުތަމައު" މި ސިޔާސަތު ވަނީ 3 ބަޔަކަށް ބަހާލާފަ

  • ކުށުގެ ވެށިން ދުރުކުރުން، ކުށުގެ ވެއްޓަށް ފާރަވެރިވުން، ކުށަށް ފަރުވާ ނެގުމާއެކު ޒިންމާ

  • އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު 5 ސިޔާސަތެއް ވަނީ ހިމަނާފަ

ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އަމާން މުޖުތަމައު" ސިޔާސަތު އިފްތިތާހްކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙްކޮށްފައިވަނީ އއ.އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްއެވެ.

"އަމާން މުޖުތަމައު" މި ސިޔާސަތު ވަނީ 3 ބަޔަކަށް ބަހާލާފައެވެ. އެއީ ކުށުގެ ވެށިން ދުރުކުރުމާއި، ކުށުގެ ވެއްޓަށް ފާރަވެރިވުމާއި، ކުށަށް ފަރުވާ ނެގުމާއެކު ޒިންމާއެވެ.

މެނިފެސްޓޯގެ ތިން ވަނަ ބައިގައި ވަނީ ސަލާމަތީ ބާރުތަކުގެ އެތެރޭގެ ނިޒާމު ހަރުދަނާ ކުރުމާއި، ކުޑަކުދިންނާއި ޒުވާނުން ކުށްތަކަށް އެރުމުގެ ކުރިން ސަލާމަތް ކުރެވޭނެ ކަންކަން ކުރުން ހިމަނާފައެވެ. އެގޮތުން ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާ ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޔޫތު ވަޔަލަންސާއި، ފައިނޭންޝަލް ކްރައިމްސްއާއި، އިންޓަނެޓް-ބޭސްޑް ކްރައިމްސްއާއި، ސްކޭމް ކޯލްސް ފަދަ އިމާޖިން ކްރައިމްސްއަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުން ވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހިމަނާފައިވެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ މީހުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަނާއި، ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުން ކުރުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން މި ސިޔާސަތުގައި ވަނީ ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލަން ހިމެނާފައެވެ.

ގޭންގު ކުށްތައް މަދު ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް މީހުން ދެނެގަނެ، ކައުންސިލިން އާއި ވޮކޭޝަނަލް ޓްރެއިނިން ފަދަ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާ ކުރާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައެވެ.

މި ސިޔާސަތުގައި ވަނީ ކުށް މަދުކުރުމަށް އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރުމާއި ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރުމަށް ހިމާނާފައެވެ. އަދި އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުންފަދަ ކަންކަން މި ސިޔާސަތުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު 5 ސިޔާސަތެއް ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން މިހާތަނަށް ލޯންޗުކޮށްފައި ވަނީ 3 ސިޔާސަތެވެ.