ޚަބަރު

އއ.އަތޮޅުގެ 3 ރަށެއްގައި ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙްކޮށްފި


  • ފެރިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ

  • ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެއް

  • މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމްކުރީ އެމްޑަބްލިއުއެސްސީން

އަރިއަތޮޅު އުތުރުބުރީގެ ތިން ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.

އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަތޮޅު ފެރިދޫ ޞިއްޙީމަރުކަޒަށް އިތުރުކުރި އައު ޢިމާރާތާއި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑާއި، ވޮލީކޯޓް ހުޅުއްވައިދެއްވައި މަތިވެރީގައި ފެނުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފެރިދޫ ޞިއްޙީމަރުކަޒަށް އިތުރުކުރި އައުއިމާރާތާއެކު ފެރިދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިޢިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފްއަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

އއ. މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އިންނެވެ.

1000މިހުންގެ އާބާދީއެއް އޮންނަ އއ.މަތިވެރިއަކީ ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުން އަންނަ ރަށެކެވެ. މިހާރުވެސް 12ވަރަކަށް ގެސްޓްހައުސް ހިންގަމުން އަންނަ މަތިވެރީގައި، އިތުރު ގެސްޓްހައުސްތައް ތަރައްޤީކޮށް ވިޔަފާރިއަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ރަށަށް މި އަންނަ ތަރައްޤީގައި ރަށަށް އެންމެ މުހިންމު ޚިދުމަތަކަށް މިވަގުތު ވެފައި އޮތީ، ރައްކާތެރި ފެނުގެ ނިޒާމެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.