ޚަބަރު

"އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓު ތަރައްގީ ކުރަން 10 ބިމެއް ބިޑަށް


  • އެ ބިންތަކަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިންތަކެއް

  • އާބަން އައިލްއަކީ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ހަދާ ރަށެއް

  • 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ޚާއްސަ އެކަމޑޭޝަންތަކެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ރަށް، "އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓް އިމާރާތްތަކެއް ތަރައްގީކުރުމަށް 10 ބިމެއް ބިޑަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ރަށުގައި ސާވިސް އެޕާޓްމަންޓުތައް ތަރައްގީކުރަން ދޫކުރާ ބިންތަކަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިންތަކެއްކަމަށެވެ. މި ބިންތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 200،000އާއި 245،000 ޑޮލަރު އަގެއް ވަނީ ކަނޑައަޅާފައެވެ. އަދި މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށްވެސް ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ އެ ބިންތަކުގައި ހިންގާ މަޝްރޫއުގެ އަގަކީ 4.9 މިލިއަން ޑޮލަރުން ފެށިގެން 6.5 މިލިއަން ޑޮލަރުއާ ދެމެދުގެ އަގުތަކެއްކަމަށެވެ. އަދި މި ބިންތަކުގައި ހަދާ ޢިމާރާތްތަކުގެ އުސްމިން ކަނޑައަޅާނީ ބިމުގެ ލޮކޭޝަނަށް ބެލުމަށް ފަހުކަމަށާއި، އެ ޢިމާރާތްތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭނެކަމަށް އެޗްޑީސީން ބުންޏެވެ.

އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ޚައްސަ ކޮށްފައިވާ ރަށެކެވެ. ހުޅުމާލެއާއި ރާއްޖޭގެ އިގުތިސާދީ މައި ހަބުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެއެވެ. އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ޚާއްޞަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭނެކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން، މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.