ޚަބަރު

ފެނުގެ ނިޒާމު ޤާއިމުކޮށް، ށ.ފީވަކު ގޭގެއަށް ސާފު ބޯފެން


  • ފީވަކުގައި ފެނުގެ ނިޒާމު ތަރައްޤީކޮށްދެއްވީ އެމްޑަބްލިއުއެސްސީން

  • ގުދުރަތީ ފެން ފަށަލަ ހަލާކުވެ އެރަށުގެ ފެނުގެ 80 އިންސައްތައިގައި ޖަރާސީމުހުރިކަން 2009 ވަނަ އަހަރު ވަނީ ހާމަވެފައި

  • އަލަށް ޤާއިމުވި ފެނުގެ ނިޒާމާއެކު އެރަށުގެ ރައްޔިތުން އުފުލި ބޮޑު ތަކުލީފަކަށް ނިމުން

ށ.ފީވަކުގައި ތަރައްޤީކޮށްފައިވާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލުމަށްފަހު، ގޭގެއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ފީވަކުގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ފީވަކުގައި ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްސަ ޢިމާރާތެއް ތަރައްޤީކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅާ، ގޭގެއަށް ވަނީ ފެނުގެ ކަނެކްޝަންވެސް ގުޅައިދީފައެވެ. އަދި ފެން ރައްކާކުރުމަށް ތާންގީ ބަހައްޓާ، ބޯހޯލް ތޮރުފާ، ރިޖެކްޓް ލައިންތައްވެސް ވަނީ އަޅާފައެވެ. މީގެއިތުރުން ފެނުގެ ތަހުލީލު ހެދުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ވަނީ އެރަށަށް ހަދިޔާކޮށްދެއްވާފައެވެ.

ފީވަކު ފެން ޓެސްޓުކޮށްފައިވަނީ އެކަމަށްޓަކައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިއުއެސްސީގެ ޚާއްސަ ޓީމަކުން ބެލުމަށްފަހުގައެވެ.

މިމަޝްރޫޢުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށް މަސައްކަތް ފަށާފައިވަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދައުލަތުގެ ބަޖެޓުން 49.60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފެނުގެ ނިޒާމާއެކު، އެރަށުގެ ރައްޔިތުންނަށް ރައްކާތެރި ފެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ.

ފީވަކުގައި ރައްޔިތުން ބޭނުންކުރަމުންދިޔައީ ގުދުރަތީ ފެންފަށަލައެވެ. އެހެންނަމަވެސް 2009 ވަނަ އަހަރު އެރަށުގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު ތަހުލީލުތަކުން އެރަށުގެ ފެނުގެ 80 އިންސައްތައިގައި ޖަރާސީމް ހިމެނޭކަން ވަނީ ހާމަވެފައެވެ. އޭގެފަހުން އެތައް އަހަރެއް ވެގެން ދިޔައިރުވެސް އެރަށުގައި ރައްކާތެރި ބޯފެނުގެ ނިޒާމެއް ޤާއިމުކޮށްދެވިފައި ނުވުމަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެހެންނަމަވެސް މިއަދު މަސައްކަތް ނިމި ގޭބިސީތަކަށް ފެނުގެ ކަނެކްޝަން ގުޅިގެން ދިޔުމާއެކު މީގެކުރިން ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.