ޚަބަރު

އައިޖީއެމްއެޗްގައި ކެންސަރު ބައްޔަށް ޚާއްސަ ވަރޑެއް


  • - މިވަރޑަކީ ބީއެމްއެލްގެ އެހީގައި ތަރައްޤީކޮށްފައިވާ ވޯޑެއް

  • - މިވަރޑުގައި 8 ކޮޓަރި ހުރޭ

  • - ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން 3.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަކޮށް "އޮންކޮލޮޖީ ވަރޑު" ގެ ނަމުގައި ހާއްސަ ވަރޑެއް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފިއެވެ. އަލަށް ޤާއިމުކުރި މި ވަރޑު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުވާދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ޚާއްސަ އަހަންމިއްޔަތުކަމެއް ދިން އެއް ދާއިރާއަކަށް ސިއްޙީ ދާއިރާ ވާނެކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިދައުރުގައި ސިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތެރޭގެ ރަށްތަކުގެ ރައްޔިތުން މާލެއަށް ބަރޯސާވެ އުފުލި ތަކުލީފުތައް ނިމުމަކަށް ގެނެވިފައިވާކަން ޤަބޫލުފުޅު ކުރައްވާކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

" ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވެމުންދާ މަންޒަރު މިއަދު އެބަފެނޭ. އައިޖީއެމް ހޮސްޕިޓަލުގެ އިތުރުންވެސް އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ސިއްޙީ ފަރުވާދޭ ތަންތަނުން އައު އިތުރު ޚިދުމަތްތައް އަންނަނީ ތަޢާރަފްކުރަމުން. މިއީ ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް." ނައިބު ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި އަލަށް ޣާއިމުކުރި ކެންސަރު ވަރޑަކީ ބީއެމްއެލްގެ ސީއެސްއާރުގެ ދަށުން އެ ބޭނުންކުން ހަރަދުކޮށްގެން ޤާއިމުކޮށްފައިވާ ތަނަކެވެ.

މި ވަރޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ކަރލް ސްޓުމްކަ ވިދާޅުވީ މުޖުތަމަޢަށް ބޭނުންތެރި ރައްޔިތުންގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެނުވާނެ މުހިއްމުކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން އަބަދުވެސް ތައްޔާރަށް އޮންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރު މިފަދަ 12 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވަމުން ކަރލް ވިދާޅުވީ އައިޖީއެމްއެޗްގެ އޮންކޯ ވޯޑް ތަރައްޤީކުރުމަށް ކުރެވުނު ހޭދައަކީ މުހިއްމު ބޭނުންތެރި ހޭދައެއްކަމަށެވެ.

"ބީއެމްއެލްގެ ޚަރަދުގައި ތަރައްޤީކުރެވިގެންދިޔަ މިވޯޑުގައި ކެންސަރު ބަލި މީހުންނަށް ރަނގަޅު ފަރުވާއެއް ފޯރުކޮށްދެވި އެފަރާތްތަކުން ތަޙައްމަލުކުރަމުންދާ ކަންތައްތަކަށް ލުޔެއް ހޯދައިދެވުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އައިޖީއެމްއެޗްގެ އޮންކޯ ސަރޖަން ޑރ. މުޙައްމަދު ޝިފާން ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މުހިއްމު ގިނަ ޚިދުމަތްތަކާއެކު އައިޖީއެމްއެޗްގެ ކެންސަރުގެ ފަރުވާގެ ފެންވަރު ބޮޑު ތަނުން މަތިކުރެވިފައިވާކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދާ، ރައްކާތެރި ފަރުވާގެ ޚިދުމަތެއް ކެންސަރު ބަލީގެ ޕޭޝަންޓުންނަށް ހޯދާ ދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގައި ކުރިއެރުންތަކެއް ޙާސިލުވަމުންދާކަން ޑރ.ޝިފާން ފާހަގަކުރެއްވިއެވެ.

" ކެންސަރު ބައްޔަށް ދެވޭ ފަރުވާގައި ޕޭޝަންޓުންނަށް އަޅާލުމާއި އޯގާތެރިކަމަކީ މުހިއްމު ކަމެއް. އެކަން ކަށަވަރުކުރުމަށްވެސް މިވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތުން ކައުންސިލުން ދެވުމާއި އެކި ތެރަޕީގެ ފަރުވާވަނީ ފަހިކޮށްދެވިފައި" ޑރ.ޝިފާން ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއެސްއާރްގެ ދަށުން އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވަނީ 8 ކޮޓަރީގެ އޮންކޮލޮޖީ ވޯޑެކެވެ. ކެންސަރު ބަލި މީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މިވޯޑު ތަރައްޤީކޮށްފައިވަނީ 3.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މިއީ 2022 ވަނަ އަހަރު ބީއެމްއެލްގެ އަހަރީ ދުވަހާއި ގުޅިގެން ހޮވުނު 12 މަޝްރޫޢުގެ ތެރެއިން އެބޭންކުގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.