ޚަބަރު

ކޮންމެ ފޮށްޓެއް ކައިރީ ގާތްގަނޑަކަށް 14 އޮބްޒާވަރުން


  • - މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި، 4،545 އެޕްލިކޭޝަން

  • - ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަގޮތުން 3،607 އެޕްލިކޭޝަން

  • - 150 އަށްވުރެ ގިނަ ބޭރުގެ އޮފިޝަލުން

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވު ކުރުމަށާއި، މޮނިޓަރ ކުރުމަށް 8،152 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ހާމަކަން ބޮޑުކޮށް މިނިވަން ކަމާއިއެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު އޮބްޒާވު ކުރުމަށާއި، މޮނިޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު މޮނިޓަރ ކުރުމަށްޓަކައި، ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި، 4،545 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3،607 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.

އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި، އެކޮމިޝަނަށް ޖުމްލަ 8152 އެޕްލިކޭޝަން ރާއްޖޭން ލިބިފައިވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ކޮމިޝަނުން މިހާރު ކުރަމުން ދަނީ އެޕްލިކޭޝަންތަކުގެ މަޢުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ހުންނައިރު ކޮންމެ މަރުކަޒެއްގައި، އިންތިހާބު އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް ގާތްގަނޑަކަށް 14 މީހުން ތިބުމަކީ އިންތިޚާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، އިންޓަރނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ މީހުން އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިޚާބަށްކަންވެސް ހަބީބް ފާހަގަކުރެއްވިއެވެ. މި އިންތިޚާބުގައި އޮބްޒާވްކުރުމުގައި ބޭރުގެ 150 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ބޭއްވޭ ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވަދަކުރައްވާ އިންތިޚާބެވެ.