ތަޢުލީމު

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޤުރާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޤުރުއާނާބެހޭ މަރުކަޒުން ޢާންމުކޮށް ހުޅުއްވާލައްވައިފިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެއާއި އަތޮޅުތަކަށް މިހާރު ހުޅުއްވާލައްވާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު އަންނަ އެޕްރީލް މަހުގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ކެންޑިޑޭޓުން ބައިވެރިވާން ޖެހޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. ޤުރުއާން މުބާރާތް ބެހިފައިވަނީ ދެބަޔަކަށް ކަމަށެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް ވިދާޅުވީ، މުބާރާތުގެ ދެބައިގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިކުރެވޭނީ އަންހެން ކެންޑިޑޭޓަކާއި ފިރިހެން ކެންޑިޑޭޓެއް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެބައިގެ ތިން ގޮފީގެ ތެރެއިން ކޮންމެވެސް އެއް ގޮތްޕެއްގައި ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް މުބާރާތުގެ ދެބައިގައި ބައިވެރިނުވެވޭނެ ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. މީގެއިތުރުން މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ދެ ޖިންސު ވަކިން ކަމަށްވެސް އެމަރުކަޒުން ހާމަކުރައްވައެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، އަލިގަދަ ތަރީގެ މުބާރާތުގައި ބައިވެރިވެ، ވޭތުވެދިޔަ އެއްވެސް އަހަރެއްގައި އެމުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ލިބިފައިވާ މީހެއް ކަމުގައި ނުވުމާއި، ޤުރުއާން ނުވަތަ އިސްލާމް ކިޔަވައިދޭ މުދައްރިސެއް ކަމުގައި ނުވުމާއި، ރާއްޖޭގެ މަޝްހޫރު ޤާރީއެއް ކަމުގައި ނުވުން ހިމެނެއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވެވުމުގެ މަޤްޞަދަކީ، ކީރިތި ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް އިސްލާމީ ވަޙްދަތު ދިރުވައި، ކުރިއެރުވުމެވެ.

ޤުރުއާން ކިޔެވުމުގެ އެއްތިރީސްވަނަ ޤައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ ހަތާވީސް ވަނަ ދުވަހު މާލޭގައެވެ.