އާބާދީގެ ގޮތުން ކުދި ރަށްރަށަށް ސަރުކާރުން ހަރަދުކޮށްގެން ތަރައްްޤީގެ މަޝްރޫޢުތައް ހިންގެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްކަމަށްވާ ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.
ހަސަން ޒަމީލަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ބޭފުޅެކެވެ. އަދި އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "މެނިފެސްޓޯ" ޕްރޮގްރާމްގައިި ވާހަކަފުޅު ދައްކަވަމުން ޒަމީލް ވިދާޅުވީ ހުރިހާ ރަށެއް\ އެއްވަރަކަށް އަސާސީ ހިދުމަތްތައް ގާއިމްކުރުމަކީ ވަރަށް ބޮޑު ހަރަދެއްކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އާބާދީ ގޮތުން 1000 އަށްވުރެ ކުޑަ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހަރަދު ނުކުރާނެކަމަށް ޒަމީލް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރަށްރަށެއް އެއްވަރަކަށް އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ވަރަށް ބޮޑުކަމެއް. އަޅުގަނޑު އެއްވަރަކަށްވެސް ނުވިސްނަން ހުރިހާ ރަށްތައް އެއްވަރަކަށް ތަރައްގީ ކުރުމަކަށް. 1000 އައްވުރެ އާބަދީ ގޮތުން ކުޑަ ރަށްރަށަށް ސަރުކާރުން ހަރަދެއް ނުކުރާނަން" ޒަމީލް ވިދާޅުވިއެވެ.
ޒަމީލް ވިދާޅުވީ މާލެއިން ގޯތި ދޫކުރަން ޖެހޭނީ ހަމައެކަނި މާލޭ މީހުންނަށް ނޫންކަމަށާއި އެހެން ރަށްރަށުގެ މީހުންނަށްވެސް މާލެއިން ގޯތިދޫކުރަން ޖެހޭނެކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނަށް މާލެއިން ގޯތި ދެއްވާނެކަމަށްވެސް ޒަމީލް ވިދާޅުވިއެވެ.