ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ޚިދުމަތް ފަށައިފި


  • ލެޕްރޯސްކޮޕިކްގެ 2 ސަރޖަރީ މިއަދުވަނީ ކޮށްފައި

  • ފުރަތަމަ ސަރޖަރީގައި އަންހެނެއްގެ ގޯލްބްލަޑަރވަނީ ނަގާފައި

  • ދެވަނައަށް ކުރީ 36 އަހަރުގެ ފިރިހެނެއްގެ ސާޖަރީ

  • ސަރޖަރީ ކުރީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތް ފަށައިފިއެވެ. ލެޕްރޯސްކޮޕިކް ސަރޖަރީ އަކީ ބަނޑު ކަފާ ނުލައި، ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކުރާ ސަރޖަރީއެކެވެ.

އުނގޫފާރު ހޮސްޕިޓަލްގައި މިއަދު ވަނީ ލެޕްރޯސްކޮޕިކް ސަރޖަރީގެ 2 ސާޖަރީއެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ކޮށްފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެއްގެ ސަރޖަރީއެކެވެ. މިސަރޖަރީގައި އަންހެން މީހާގެ ގޯލްބްލަޑަރ ނަގާފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެއެވެ. އަދި ދެވަނައަށް ކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއްގެ ސަރޖަރީއެވެ. އެމީހާ ކޮށްފައިވަނީ ލެޕް އަމްބްލިކަލް ހާނިއަރ ރިޕެއަރ ސަރޖަރީއެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ލެޕްރޯސްކޮޕިކް ސަރޖަރީ ފަށާފައިވާއިރު މިޚިދުމަތް މިވަގުތުދެނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ. މިސަރޖަރީ ހެދުމުގައި އިސްކޮށް އުޅުއްވަނީ އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް ޖެނެރަލް ސަރޖަރީ ޔުނިޓްގެ ހެޑް، ޑރ.ޢަބްދުﷲ އުބައިދުއެވެ. އުނގޫފާރު ހޮސްޕިޓަލުން އަންނަނީ މި ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ބަނޑުގެ ކިތަންމެ ކުޑަ އޮޕަރޭޝަނެއް ނަމަވެސް މީގެ ކުރިން ކުރަމުން އައީ ބަނޑު ފަޅައިގެންނެވެ. އޭގެ ސަބަބުން ބަލިމީހާއަށް އަޅާ ވޭން ބޮޑުވެ ފަރުވާ ދިނުމުގައި ދިގު މުއްދަތެއް ނަގައެވެ. އެހެންނަމަވެސް ލެޕްރޯސްކޮޕިކް ސަރޖަރީ ފެށުމުން ބަލި މީހާއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހާގެ އަތުންދާ ޚަރަދު ކުޑަވެ ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ މުއްދަތުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

އުނގޫފާރު ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތް ފެށުމުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލި މީހުންނަށް މާލީގޮތުންނާއި ޞިއްޙީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުން ޞިއްޙީ ޚިދުމަތާއި ދޭތެރޭ ކުރާ އިތުބާރާ ޔަގީންކަން ބޮޑުވެ ފެންވަރު ރަނގަޅު ޑޮކްޓަރުން ގެނައުމަށާއި ތިބުމަށްވެސް މަގުފަހިވެގެންދާނެއެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރުގެ ޚިދުމަތް ދެވޭނެ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންވެސް ޓާޝަރީ ފެންވަރަށް ޚިދުމަތް ދެވޭ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ހޮސްޕިޓަލުން އިތުރު ޚިދުމަތްތައް އަންނަނީ ތަޢާރަފްކުރަމުންނެވެ.

އެގޮތުން އެ ހޮސްޕިޓަލުން ދާދިފަހުން ވަނީ ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ދޭންފަށާފައެވެ. އަދި އިކޯކާޑިއޯގްރާމްގެ ޚިދުމަތާއި، އެމް.އާރު.އައިގެ ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޓްރޯމާ ސަރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.