ޚަބަރު

ގޯތިލިބޭ ތަން ކަނޑައަޅަން ގުރުނަގާނީ ގަލޮޅު ދަނޑުގައި، ދާންވީ ވަގުތު އަންގާނެ!


  • ގޯތި ލިބުނު މީހުންގެ ގުރު ނެގުން އޮންނާނީ އަންގާރަ ދުވަހު

  • ގުރުއަތުލުން ކުރިއަށްދާނީ ގަލޮޅުދަނޑުގައި

  • ހަވާލުކުރާނީ ދާއިމީ ރަޖިސްޓްރީ

މާލެ ސަރަޙައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ މާދަމާ ގަލޮޅު ދަނޑުގައި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އާންމުކުރައްވާފައެވެ.

ހައުސިން މިނިސްޓްރީން ދާއިމީ ލިސްޓް އާންމުކުރައްވާ ކުރި އިޢުލާނުގައި ވިދާޅުވީބަންޑަރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓްގެ ދަށުން "ފުރަތަމަބުރުގައި ގޯތި ލިބޭ" ފަރާތްތަކަކީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތައްކަމަށެވެ. އަދި ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ކަނޑައަޅާ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، ދާއިމީ ލިސްޓްގެ "ފުރަތަމަ ބުރުގައި ގޯތި ލިބޭ" މީހުން ގޯތީގެ ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި، އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީޢާއިން އަންގަމުންގެންދާނެކަމަށެވެ. މިގޮތުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން ދެ ދުވަހަށް ބަހާލައިގެން ގަލޮޅުދަނޑުގައި ބާއްވަން ނިންމަވާފައިވާކަމަށްވެސް ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.

"ގުރު ނަގަން ބޭނުންކުރާނީ ޕްލޮޓް ނަންބަރު ޖަހާފައި ހުރި ކަރުދާސް ހުރި ބަކެޓެއް. ގަސްދުކުރަނީ ގިނަވެގެން ދެ ދުވަސް ތެރޭގައި މި ހުރިހާ ބޭފުޅުންގެ ގުރު ނަގާ ނިންމާލެވޭނެކަމަށް." ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓްގައި 19639 މީހަކު ގޯއްޗަށް ޝަރުތު ހަމަވެއެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށް ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރުން ދެމެދުގެ މީހުންނެވެ.


އަކްރަމް ވިދާޅުވީ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ގޯތި ލިބޭ 18955 މީހުންނަށް ގޯތި ދިނުމާއި، ރަޖިސްޓްރީ ހަވާލުކުރުން އަންނަ އަންގާރަ ދުވަހު ފަށްޓަވާނެ ކަމަށެވެ. ގޯތި ލިބޭ ފަރާތްތަކަށް ދެއްވާނީ ވަގުތީ ރަޖިސްޓްރީ އެއް ނޫން ކަމަށާއި އެފަރާތްތަކަށް ދެއްވާނީ ދާއިމީ ރަޖިސްޓްރީއެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"އެގްރީމަންޓް ކުރެވޭނީ ޝަރުތުތަކާ އެއްގޮތަށް. އެގްރީމަންޓް ރަޖިސްޓްރީކޮށްފައި ގޯތީގެ ރަޖިސްޓްރީވެސް ހަވާލުކުރާނި. " ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވާލި ފުރުސަތުގައި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި މިދޫކުރަނީ ގާތްގަނޑަކަށް 40 އަހަރު ފަހުންނެވެ.