ޚަބަރު

ހޯރަފުށީ އެއަރޕޯޓާއެކު ރަށުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ހަރަކާތްތައް މެކުހަށް


ހއ ހޯރަފުށީގައި ސަރުކާރުން ތަރައްޤީކޮށް ޙިދުމަތްދެމުން އަންނަ ޑޮމެސްޓިކް އެއަރޕޯޓާއެކު ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ޚިދުމަތް ދެމުން އަންނަ އެއަރޕޯޓްކަމަށްވާ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ނަފާ ލިބެމުންދިޔަނަަމަވެސް ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ނުލިބި އޮތް މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ފަސޭހަކަން ނެތުމެވެ. މީގެ ކުރިން ހއ.ރަށްރަށާއި އެއަތޮޅުގައި އޮންނަ ރިސޯޓްތަކަށް ދާމީހުން ވައިގެ މަގުން ދަތުރު ކުރަމުންދިޔައީ ހދ. ހަނިމާދޫ އެއަރޕޯޓްއަށެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. މިކަންކަމަށް ހައްލެއް އައީ ހޯރަފުށީގައި ތަރައްޤީކުރި އެއަރޕޯޓާއެކުއެވެ.

ހޯރަފުށީ ކައުންސިލުން ބުނާގޮތުން ހޯރަފުށީގައި ހުޅުވުނު އެއަރޕޯޓާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ހަރަކާތްތައް ފުޅާކުރުމަށް ދަނީ ފުރުސަތު ފަހިވެފައިވާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. މީގެއިތުރުން އާރުޓީއެލް ސްޕީޑް ފެރީ ނިޒާމުން މުޅި އަތޮޅު ވަނީ ގުޅާލުމަކީވެސް ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވިގެން އިތުރު ދޮރެއްކަމަށްވެސް ހޯރަފުށީ ކައުންސިލްގެ މެމްބަރު އަހު،މަދު ރައޫފް ވިދާޅުވިއެވެ.

އެއަރޕޯޓާ ގުޅިގެން މިހާރުވެސް ރަށަށް އަންނަ މީހުންގެ އަދަދު އިތުރުވެ ރަށުގެ އިގްތިސާދު ރަގަޅުވާން ފަށާފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށާފައިވާއިރު، މިއީވެސް އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާކުރުމަށް ލިބުނު ކުރިއެރުމެއްކަމަށް އެރަށު ކައުންސިލުން ދެކެއެވެ.

ހޯރަފުށީ އެއަރޕޯޓާއެކު އިހަވަންދިއްޕޮޅަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އެސަރަހައްދުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ. އެގޮތުން ބޭސްފަރުވާއަށް މާލެއަށް ދާންޖެހޭ މީހުންނަށް އިތުރު ފަސޭހައިން ދަތުރުކުރެވޭނެ މަގުފަހިވެފައިވާކަމަށް ހޯރަފުށީ ރައްޔިތުން ބުނެއެވެ.

ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ހަރަކާތްތައް ފުޅާކުރުމަށްވެސް އެރަށުގައި ގިނަ މަޝްރޫތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން އެރަށު މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ކަރަންޓްގެ ހާލަތު ރަގަޅު ކުރުމާއި، ސިއްހީ ނިޒާމް ފުޅާކުރުމަށް އާ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގި މަޝްރޫޢުއިން ޕިކްނިކް އޭރިއާއެއްވެސް ވަނީ އެރަށުގައި ތަރައްޤީކޮށްފައެވެ.