ޚަބަރު

ގޯތިލިބޭ މީހުންގެ ދާއިމީ ލިސްޓް މިއަދު ޢާންމުކުރަނީ


  • ގޯއްޗަށް 12000އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވޭ

  • ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު މިއަދު ހަވީރު ނެރުމަށް އަންނަނީ މަސައްކަތް ކުރަމުން

  • ގޯތި ލިބޭ ތަން ކަނޑައަޅާ ގުރުއަތު ނެގުން އޮންނާނީ އަންގާރަ، ބުދަ، ބުރާސްފަތި ދުވަހު

މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު މިއަދު ޢާންމުކުރައްވާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ. ޝަކުވާތަކަށް ބެލުމަށް ފަހުގައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އެކުލަވާލާފައެވެ.

މާލެ ސަރަޙައްދުން ގޯތި ދިނުމަށް ނިންމާފައިވާއިވަނީ، މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފާ ވަޢުދުގެދަށުންނެވެ. އެކަމަށްޓަކައި ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. 15000އަށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ފޯމު ހުށައެޅިއިރު، އޭގެތެރެއިން 12794 މީހުންގެ ޝަތުރު ހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ގޯއްޗަށް އެދި ހުށައެޅި ފޯމް ރިވިއުކުރުމަށްފަހު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން ހާމަކުރެއްވީ ޖޫން މަހުއެވެ. އަދި ޝަކުވާ ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދިނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ޝަކުވާތަކަށް ބެލުމަށްފަހުގައި މިހާރު ފައިނަލް ލިސްޓް އެކުލަވާލާފައިވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ލިސްޓް އާންމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

އެއަށްފަހު ކުރިއަށްދާނީ ގޯތި ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތުގެ މަސައްކަތައްކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. ގޯތި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުނެގުން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ.

މިހާތަނަށް އައިއިރު ހުޅުމާލެއިން ގޯތިދިނުމަށް ހަމަޖެހިފައިވާ ބިން ކަނޑުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން 1250 އަކަފޫޓުގެ 2200 ގޯތި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގުޅީފަޅުން 3600 ގޯތި ދޭނެ ބިން ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މާލެއިން 5000 ގޯތި ދިނުމަށެވެ. ނަމަވެސް ފަހުން ވަނީ މި އަދަދު އިތުރުކުރެއްވުމަށް ނިންމަވާފައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ފުރަތަމަ ގުރުއަތުނަގާނެ މީހުންގެ އަދަދު އެނގޭނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ދާއިމީ ލިސްޓް ހާމަކުރުމުންކަމަށެވެ.

މި ޕްރޮޖެކްޓްގެ ބޮޑު އިންސައްތައެއް ކުރިއަށްގެންދަނީ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެންނެވެ. މި ދެ މަޝްރޫޢުގެވެސް ބިން ހިއްކުމުގެ %50 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.