ވިޔަފާރި

މިއަހަރުގެ ނައިޓްމާކެޓް އަލިމަސް ކާނިވަލުގައި ބާއްވަން ނިންމައިފި


ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ނައިޓްމާކެޓް، މިއަހަރުގެ މޭ މަހުގެ 1 ވަނަދުވަހު ބޭއްވުމަށް ނިންމާ ނައިޓްމާކެޓް ހިންގުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފިއެވެ. 

މީގެ ކުރިން ނައިޓްމާކެޓް ބާއްވާ ސަރަހައްދުގެ ބޮޑުބައެއް ބްރިޖްގެ ޕްރޮޖެކްޓަށް ބަންދުކޮށްފައި ވުމުން، މިއަހަރުގެ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވާނީ އަލިމަސްކާނިވާ ސަރަހައްދުގައެވެ. އެހެންކަމުން ނައިޓްމާކެޓް ބޭއްވުމަށް ހަވާލުކޮށްފައި ވަނީ ކާނިވާސްޓޭޖް މިހާރު ހިންގަމުން ގެންދާ ކުންފުނި މޯޑިވްސް މިއުޒިކް އެންޑް އަރޓް ސެންޓަރާއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ނައިޓްމާކެޓް 1 މަސްދުވަހުގެ ނިޔަލަށް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ. އަދި ވިޔަފާރިތައް ބޭނުންނަމަ 15 ދުވަހަށްވެސް މޭޒު ނެގޭނެ ކަމަށް އާސިފް ވިދާޅުވިއެވެ.

މިއަހަރުގެ ނައިޓް މާކެޓްގައި މޭޒު ދޫކުމަށް ހަމަޖެހިފައި ވަނީ 30 ދުވަހަށް ޖުމްލަ 15000 ރުފިޔާއަށެވެ. އަދި މޭޒުތައް ދޫކުރެވޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށްވެސް އެޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. 

ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުންފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 9557446 ހޮޓްލައިން ނަމްބަރ ހާއްސަ ކުރެވިފައި ވާކަމަށް މޯޑިވްސް މިއުޒިކް އެންޑް އަރޓް ސެންޓަރުން މަޢުލޫމާތުދެއެވެ.