ވިޔަފާރި

މަސީގެ މިދައުރުގެ ރައީސްކަމަށް ޖަނާޙު އިންތިޚާބް ކޮށްފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ކުރިއަށްއޮތް ދައުރުގެ ރައީސް ކަމަށް މުޙައްމަދު ޢަލީ ޖަނާޙު އިންތިޚާބުކޮށްފިއެވެ.

މިއީ އެ ޖަމިއްޔާގެ ރައީސްކަމަށް ޖަނާޙު އިންތިޚާބު ކުރި ހަވަނަ ދައުރެވެ. އެ ޖަމިއްޔާގެ ހިންގާ ގަވައިދު ބުނާގޮތުން ޖަމިއްޔާގެ ރައީސްކަން އެކަކަށް އަދާކުރެވޭނީ ޖެހިޖެހިގެން 2 އަހަރުއެވެ. ޝީ ބިލްޑިންގައި ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި، މަސީގެ ރައީސް ކަމަށް ޖަނާޙު އިންތިޚާބްވީ މަހުޖޫބް ޝުޖާއުއާ ވާދަކޮށެވެ.

ރޭގެ ޖަލްސާގައި މަސީގެ ނައިބު ރައީސް ކަމަށް އެލިއާ ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލާޢު ޢަލީ އާއި އަލިހަވާސާ ކޮންސްޓްރަކްޝަންގެ ވެރިޔާ އަދުނާން ޙަލީމް ވަނީ އައްޔަންކޮށްފައެވެ. ނައިބު ރައީސްގެ މަޤާމަށް އެ 2 ބޭފުޅުން އައްޔަންކުރީ އެ މަޤާމަށް އިތުރު މީހަކު ވާދަކޮށްފައި ނުވުމުންނެވެ. މީގެ އިތުރުން ޖަމިއްޔާގެ ހިންގާ ކޮމިޓީއަށްވެސް 8 ބޭފުޅަކު ރޭ ވަނީ އިންތިޚާބު ކޮށްފައެވެ. މަސީން މި އަހަރަށް ކަނޑައަޅާފައިވާ 1.3 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުންވެސް އަހަރީ އާންމު ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.