ޚަބަރު

ހެނބަދޫގައި ކުރިއަށްގެންދިޔަ 4 މަޝްރޫޢުއެއްގެ ނިމުން ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • ހެނބަދޫގައި ވަނީ ފެނުގެ ނިޒާމް، ބަނދަރު ހެދުން، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ

  • މި މަސައްކަތްތައް މިހާރު ނިންމާ މިހާރު އަންނަނީ ޚިދުމަތްދެމުން

ނ. ހެނބަދޫގައި ސަރުކާރުން ކުރިއަށްގެންދެވި ތަރައްޤީގެ 4 މަޝްރޫޢުއެއްގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިގޮތުން ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމާއި ބަނދަރު ހެދުމުގެ މަޝްރޫޢުއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފެނަކަ އައު އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ.

ހެނބަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީއި ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖޫންމަހުގައެވެ. މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކަކާއި ފެން ރައްކާކުރުމަށް 3 ތާންގީ ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 41.36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހެނބަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ކުރިން އޮތް ބަނދަރު ވަނީ ބޮޑުކޮށްފައެވެ. މިމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިޔަން ރުފިޔާއަށެވެ. އެމްޓީސީސީން ވަނީ އެ މަސައްކަތް 2020 ވަނަ އަހަރުގައި ނިންމާލާފައެވެ.

ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އަދި 2021 ވަނަ އަހަރު ވަނީ އެމަސައްކަތް ވަނީ ނިންމާލާފައެވެ. ހެނބަދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގައި 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލަ ޖަހައިގެން ވަނީ ޙިމާޔަތްކޮށްފައެވެ. އަދި 25 މީޓަރުގެ ހުރަސް ތޮއްޓެއްލާ، 235 މީޓަރުގެ ސަރަޙައްދުގަ ޖިއޯޓެކްސްޓައިލްސް ވަނީ ޖަހާފައެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން ނ. ހެނބަދޫގައި އަލަށް ޢިމާރަތް ކުރި އިންޖީނުގެއާއި އޮފީސް ޢިމާރާތުން މިހާރުދ ަނީ ޚިދުމަތްދެމުންނެވެ. ރަށުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް އާ އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 100 ކިލޯވޮޓުން، 538 ކިލޯވޮޓްގެ ކެޕޭސިޓީއަކަށް ވަނީ އިތުރުކޮށްފައެވެ.