ޚަބަރު

މާލެއިން ގޯތި ލިބުނު މީހުންނަށް އަންގާރަދުވަހު ލިޔުން ހަވާލުކުރަން ފަށާނެ: ރައީސް


  • ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް ނެރުމުގެ ފަހުގެ މަރުހަލާ ކުރިއަށްދަނީ

  • އަންގާރަ ދުވަހުން ފެށިގެން ގޯތި ލިބޭ މީހުނަށް ގޯތި ދޫކުރަން ފަށަނީ

  • ގެދޮރުވެރިޔާ ސްކީމްގެ ދަށުން 5000 ގޯތި ދޫކުރައްވާނެ

މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ އަންގާރަދުވަހު ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްެރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދިރާސާއެއް ހެދުމަށްފަހުގައިކަމަށާއި އަދި އެ ދިރާސާއިން ފްލެޓް ބޭނުންވާ 18000 އާއި 20000 ދެމެދުގެ މީހުން ތިބިކަން ފާހަގަވިކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދެއްވާނެކަމަށާއި، އެގޮތުން ކުރިއަށް އޮތް ދައުރު ނިމުމުގެ ކުރިން ފްލެޓް ދީ ނިންމާލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުވާލި ފުރުޞަތުގައި ގޯތި ލިބުނު މީހުންނަށް އަންގާރަދުވަހުން ފެށިގެން ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރައްވަމުން ގެންދަވާނެކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް މީހުންނަށް ގޯތި ލިބިގެންދާ މަންޒަރު ފެނުން." ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 15000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. މީގެތެރެއިން 10314 މީހަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން އިއުލާންކުރި ވަގުތީ ލިސްޓުގައިވެއެވެ.

ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް ނެރުމުގެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިހާރު ހުރި ބިންތަކުން ހުޅުމާލެއިން 1250 އަކަފޫޓުގެ 2200 ގޯތި ދެވޭކަމަށެވެ. އަދި ގުޅީފަޅުން 3600 ގޯތީގެ ބިން ކަނޑައަޅާފައިވާކަމަށެވެ. މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމުން އިތުރަށް ބިން ލިބޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.