ޚަބަރު

ސަބްމެރިން ކޭބަލްއަކީ ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް ޤާއިމްކުރުމުގެ ބިންގާ: ރައީސް


  • ސަބްމެރިން ކޭބަލްއަކީ ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާ

  • އިންޓަރނެޓްގެ ސްޕީޑް 2 ގުނަ ހަލުވިވާނެ

  • އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާއި ގުޅާލާނެ

ރާއްޖެ ބައިނަލްއަޤްވާމީ ފައިބަރ ކޭބަލްއަކާއި ގުޅާލުމަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ޓެކްނޮލަޖީ ހަބެއް އުފެއްދުމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙުކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅައިލުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހް ދެއްްކެވި ވާހަކަފުޅުގައި ވަނީ ދުނިޔެ މިއަދު ދެކޭ ކުރިއެރުމުގެ އަސްލަކީ ޑިޖިޓަލް އިޤްތިޞާދުކަން ފާހަގަކުރައްވާފައެވެ. އަދި މި ސަބްމެރިން ކޭބަލްއަކީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ޓެކްނޮލަޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅާލެވޭ ފުރަތަމަ ފިޔަވަޅުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔެއިން ވެސް މިދިޔަ 80 އަހަރު ތެރޭ ޓެކްނޮލޮޖީ އާއި މުއާސަލާތީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް ދިވެހިން ދުވަން ޖެހިފައިވަނީ އިންޓަނެޓުގެ ސްޕީޑާއި މޯބައިލް ރޭންޖު ހޯދުމަށްކަމަށެވެ.

މިއީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި ސަބްމެރިން ކޭބަލާއެކު ޑިޖިޓަލް ދުނިޔޭގައި ދިވެހިންނަށް ފައިހަމަކުރަން މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޭބަލް ވިއުގައާ ގުޅުމުން މިހާރު ޚިދުމަތް ދިނުމަށް ކުންފުނިތަކުން ކުރާ ހޭދަ އެތައް ގުނައެއް ކުޑަ ވާނެކަމަށެވެ. އަދި ރައްޔިތުންގެ ޖީބަށް ލުއިވެ މިހާރަށް ވުރެ ދެ ގުނަ ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ދެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާލުވިއެވެ.

"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން, ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާ ފުޅާ,. އެމީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ސެޓަލައިޓް ސްކޫލުތައް މިހާރަށް ވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ޒަމާނުގެ އިގްތިޞާދުގެ ނާރެހަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ކަމަށާއި ގައުމުތަކުގެ އުފެއްދުންތެރިކަން ވެސް އެއާއެކު ކުރިއަރައިދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މއިީ ތިމާވެއްޓަށް ވެސް ލިބޭ އިތުރު ރައްކާތެރި ކަމެއް ކަމަށާއި ތިންވަނަ ގައުމެއް މެދުވެރި ނުވެ އިންޓަރނެޓްގެ ޚިދުމަތް ރާއްޖެއަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރާއްޖެއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެވަޑަައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރުމަށް. މިޒަމާނުގެ އިޤްތިޞާދީ ނާރަހަކީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލަޖީ. މި ޓެކްނޮލަޖީގެ ތެރެއަށް އެ ޤައުމެއް ވަދެ ލާމެހިގެންދާ ވަރަކަށް އެ ޤައުމެއްގެ ޖީޑީޕީވެސް މައްޗަށް އެބަދޭ. މިއީ ކުރިއަރާފައިވާ ޤައުމުތަކުން އަޅުގަނޑުމެންނަށް ދައްކާފައިވާ ޙަޤީގަތެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާއި ގުޅައިލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.