ޚަބަރު

ޤާސިމްގެ ޚަރަދުގައި ކިޔެވި ހުރިހާ ކުދިންގެ ލޯނުތައް މާފްކޮށްދެއްވައިފި


  • ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާޙްކޮށްދެއްވީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް

  • ވަކި ރަށްރަށަށް ޚާއްސަ ވަޢުދުގެ ބަދަލުގައި މުޅި ޤައުމަށް ޚާއްސަ މެނިފެސްޓޯއެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޚަރަދުގައި މިހާތަނަށް ކިޔަވާފައިވާ އަދި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް މާފްކޮށްދެއްވުމަށް ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ތަސައްވުރާއި ސިޔާސަތުތައް ޢާއްމުކޮށް އެޕާޓީގެ މެނިފެސްޓޯ އިފްތިތާޙްކޮށްފައިވަނީ ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާއެއްގައެވެ. ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާޙްކުރުމަށް ބޭއްވި ޖަލްސާގައި މެނިފެސްޓޯ އިފްތިތާޙްކޮށްދެއްވީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމެވެ. އިޖުތިމާޢީ އިޤްތިޞާދީ އަދި ދީނީގޮތުން ފާހަގަކުރެވޭ މުހިއްމުކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް އިބްރާހީމްވަނީ އެކި ދާއިރާތަކުން ގެނެސްދެއްވާނެ ބޮޑެތި ބަދަލުތައް ހާމަކުރައްވާފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ޚަރަދުގައި 8000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފޮނުވާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ސްކޮލަޝިޕާއި ލޯނުގައި ކިޔަވާފައިވާ ދަރިވަރުން ހިމެނެއެވެ. އެގޮތުން ބިލިއަނަކާއި ގާތަށް ޚަރަދުކުރެވިފައިވާނެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ، އެހުރިހާ ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ލޯނުތައް މާފްކޮށްދެއްވާނެކަމަށެވެ.

"މީގެކުރިންވާނެ ސިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް އަޅުގަނޑުގެ ކޮންމެވެސް އެހީއެއްގެ ދަށުން ކިޔެވި ކުދިންގެ އެހީ މާފްކޮށްފައި، މިއަދު މިމާފްކުރީ ހުރިހާ ކުދިންގެ ލޯންތައް. އަޅުގަނޑު ވެރިކަން ލިބުނަސް ނުލިބުނަސް." ޤާސިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއަށް ކިޔެވޭކަން ހާމަކުރައްވަމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާސްޓަރސް ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ދީނީ ޝިޢާރުތައް ކުރިއެރުވުމަށްވެސް ޚާއްސަ އެކި ވަޢުދުތައްވަނީ ހިމަނާފައެވެ. އެގޮތުން ކޮންމެ އަހަރަކު ދައުލަތުގެ ޚަރަދުގައި ޢުމުރުން 65 އަހަރުން މަތީގެ 100 މީހަކަށް ޙައްޖުވުމުގެ ފުރުސަތު ދޭނެކަންވަނީ ބަޔާންކޮށްފައި،

ޤާސިމް އިބްރާހީމްވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ކުރައްވާނެ ކަންކަމުގެ ތެރޭގައި ޖުޑިޝަރީއާއި ދާއިރާއިންނާއި، ޢުމްރާނީ ދާއިރާއިން ކުރަން ހުރި މުހިންމު މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ 75 އިންސައްތައަށް ބޮޑުކޮށްދިނުމާއި، ފަނޑިޔާރުގޭގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއް ގެނެސްދޭނެކަމަށްވަނީ ހިމަނާފައެވެ.

"ޖުޑިޝަރީ އިސްލާޙުކުރާ ވާހަކަ އެންމެން ދައްކާ، ވެރިކަމަށް އައުމުން އެމަސައްކަތް ކުރާތަނެއް ނުފެނޭ. ދުނިޔޭގެ ކޮން ޤައުމެއްގައިތޯ ހައި ކޯޓު ނޫނީ ސުޕްރީމް ކޯޓަށް ޚާއްސަ ޢިމާރާތެއް ނެތީ. އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންފްރާސްޓްރަކޗަރ ޤާއިމުކުރުމުގެ މަސައްކަތްކުރާނަން." ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައްވެސް ހަމަޖެހޭ އުސޫލެއްގެ ދަށުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަސް ޤާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ މުސާރަ 25 އިންސައްތަ ބޮޑުކުރުމަށް މެނިފެސްޓޯގައިވަނީ ހިމަނާފައެވެ.