ޚަބަރު

ނަޑެއްލާ، ރަތަފަންދޫ، ފިއޯރީގެ އައު އިންޖިނުގެއާއި އޮފީސް ޢިމާރާތް ރައީސް ހުޅުއްވައިދެއްވައިފި


  • މިއީ ރަށްރަށުގައި މިހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތަށް ދުރު ހިސާބަށް ބަދަލުކުރާ މަސައްކަތެއް

  • ފެނަކައިގެ އާ އިދާރީ އޮފީސްތަކުގައި 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ

  • އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ޢިމާރާތްކުރި އައު އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުޅުއްވައިދެއްވައިފިއެވެ. މިތަންތަން ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނަޑެއްލާ ފެނަކަ އައު އިންޖީނުގެއާއި، އޮފީސް ޢިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 590ކިލޯވޮޓްއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ރަތަފަންދޫ ފެނަކަ އޮފީސް ޢިމާރާތަކީވެސް، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން، ރަތަފަންދޫގައި އިންޖީނުގެއާ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިބްރާޙިމް މުޙއްމަދު ޞާލިޙުވަނީ ގދ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތްވެސް ހުޅުއްވައިދެއްވާފައެވެ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތަކީވެސް، 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.

މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ، 4 މީހުންގެ ޖާގައިގެ އޮފީހެކެވެ.

ގިނަ ރަށްރަށުގައި މީގެކުރިން އިންޖީނުގެތަށް ހިންގަމުން އައިސްފައިވަނީ، ރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައެވެ. އޭގެސަބަބުން އަޑުގަދަވުމާއި، ދުމުގެ އަސަރުކޮށް ގޭގޭގެ އިމާރާތްތަކަށްވެސް އެކަމުގެ ގެލުންވަމުން އައިސްފައިވެއެވެ.

މިގޮތަށް ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރެއްވުމަށް، ފައްޓާވާފައިވާ މަސައްކަތުގެދަށުން މިހާރުވެސް، 60އަށްވުރެ ގިނަ ރަށުގެ އިންޖީނުގެ ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އިންޖީނުގެއާއި އެއް ޢިމާރާތެއްގައި ހިންނަމުން އަދި އިދާރީބައިވެސް، ވަކިން އިދާރީ އޮފީސްތަކަށް ދަނީ ބަދަލުކުރަމުންނެވެ.