ޚަބަރު

އޮމަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމަނީ


  • އޮމަދޫގައި މިހާރު އޮތީ 1999 ގައި ތަރައްޤީކުރި ބަނދަރެއް

  • ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ބަނދަރު އެއްވެސް ވަރަކަށް މަރާމާތުކޮށްފައެއް ނުވޭ

  • އެމްޓީސީސީން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ނިންމަނީ

އޮމަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އދ.އޮމަދޫ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފެށީ، ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. 24 އަހަރަށްވުރެ ގިނަ ދުވަސްވީ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ ލަފާފުރުމުގައި އޮމަދޫއަށް ބޮޑެތި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ޚާއްސަ ހުއްދައެއްގެ ދަށުން ސައިޓު މޮބިލައިޒްކޮށް ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފެށީ މިމަހުގެ ކުރީކޮޅުއެވެ.

މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އޮމަދޫގެ ބަނދަރުއޮތީ ބޭނުންކުރުން ރައްކާތެރި ނޫން މިންވަރަށް ހަލާކުވެފައިކަމަށެވެ. އެހެންކަމުން އެތައް ރައްޔިތަކު ބޭނުންކުރާ މިބަނދަރުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ ކުރިން ސިމެންތި ބަސްތާ ޖަހައިގެން ހަދާފައި އޮތް ބަނދަރެއް. ކުރީގައި ބަނދަރުތައް ހަދާފައި މިހުންނަނީ ހުރިހާކަމެއް ހަމަކޮށްފައެއް ނޫން. އެހެންނަމަވެސް ބަނދަރުގެ މަސައްކަތް މިހާރު ނިމިގެންދާއިރު، ބަނދަރުގެ ޕޭމަންޓާއި، ބައްތިއާއި އަދި ރޭމްޕްވެސް ހުންނާނީ ޤާއިމުވެފައި. އަދި މިހުރިހާ ކަމަކާއެކު މިމަޝްރޫޢު އަޅުގަނޑުމެން އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭތޯ މިބަލަނީ." އާޒިމް ވިދާޅުވިއެވެ.

އޮމަދޫ ބަނދަރުގެ މަޝްރޫޢާއި ގުޅޭގޮތުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވިދާޅުވީ މީގެ 24 އަހަރުކުރިން ބަނދަރު ހެދިފަހުން އެރަށު ބަނދަރު އެއްވެސްވަރަކަށް މަރާމާތުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ތަކުލީފުތަކެއް ރައްޔިތުންދަނީ އުފުލަމުންކަމަށް އޭނާ ވިދާޅުވިއެވެ.

"ބަނދަރުތެރޭގެ ބައެއް ސަރަޙައްދުތައް ތިލަވެ ލަފާފުރުންވަނީ ދަތިވެފައި. އަދި ބޭރު ތޮށި ވެއްޓިފައި އޮތުމުން އެތައް ލޯންޗެއް އަޑިއަށްގޮސް އެތަކެއް ގެއްލުންތަކެއްމިވަނީވެފައި. އެހެންވީމަ މިއީ މިރަށުގެ ރައްޔިތުން ނުހަނު ބޮޑަށް އެދިއެދި ތިބިކަމެއް. މިމަސައްކަތް ކުރިއަށްދާތީ ރައްޔިތުންތިބީ ހަމަ ވަރަށް އުފަލުން." އާދިލް ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަށް އޮމަދޫގެ ބަނދަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެރަށުގައި49000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 12000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ނެރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 346 މީޓަރުގެ އެއްގަމު ތޮއްޓަކާއި 398 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޭމްޕެއް ހަދާ 150 މީޓަރު ދިގު ޖެޓީއެއް ހެދުމަށްވަނީވެސް ހަމަޖެހިފައެވެ. މިއީ 62 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.