އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންވާ ފަރާތްތަކަށް މަދާމާގެ ހަވީރިގެ ނިޔަލަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.
ޤާނޫނު އަސާސީއަށް ބަދަލުގެނެސް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުކުރި ފަހުން މީ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް 8 ކެންޑިޑޭޓަކު ވަނީ ނަން ހުށައެޅުއްވާފައެވެ. އޭގެތެރޭގައި ހިމެނެެނީ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނެވެ. މިހުރިހާ ކެންޑިޑަސީއެއް ބަލައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނަން ހުށައެޅުއްވި އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ނަގަން ބޭނުނުންފުޅުވާނަމަ މާދަމާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުގެ ކުރިޔަށް އެފުރުސަތު ލިބިގެންވާކަމަށެވެ. ނަން ތަރުތީބު ކުރުން އޮންނާނީ މާދަމާ ހަވީރު 16:30 ގައެވެ.
1- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
2- ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް (ޕީއެންސީ)
3- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
4- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު (އެމްއެންޕީ)
5- އިލްޔާސް ލަބީބް / ހުސެއިން އަމްރު (ދަ ޑިމޮކްރެޓްސް)
1- އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް
2- އުމަރު ނަސީރު / މުހައްމަދު ސަލީމް
3- ޙަސަން ޒަމީލް / މަރިޔަމް އަލީމް
- ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހަކަށް
- 580 ވޯޓް ފޮއްޓަށްވުރެ ގިނަ
- ރާއްޖެއިން ބޭރުގައި 5 ފޮށި ( އިންޑިޔާގެ ޓްރިވެންޑްރަމް / ސްރީލަންކާގެ ކޮލަމްބޯ / މެލޭޝިޔާގެ ކުއަލަލަމްޕޫރު /އިނގިރޭސިވިލާތުގެ ލަންޑަން / ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ )
- ރިސޯޓްތަކުގައި 65 ފޮށި
ރިޔާސީ އިންތިޚާބު ފުރަތަމަ ބުރު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ.