ޚަބަރު

ގދ. މަޑަވެލީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނުގެ ނިޒާމު އިފްތިތާޙްކުރައްވައިފި


  • ސިއްޙީ މަރުކަޒުގައި 3އޯޕީޑީ ލެބޯޓްރީ، އީ.އާރުގެ ޚިދުމަތް ޤާއިމްކޮށްފައިވޭ

  • ފެނުގެ މަޝްރޫއު ހިންގާފައިވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކުރައްވައިގެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުތައް ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާ ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކުރައްވައިގެންނެވެ. މަޑަވެލީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެންނެވެ. މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަވާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގަވަމުންނެވެ.