ޚަބަރު

ހުޅުދެލީގައި ހިންގާފައިވާ ތަރައްޤީ ބައެއް މަޝްރޫޢުތައް އިފްތިތާހްކޮށްފި


  • ހުޅުދެލީގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫޢެއް އިފްތިތާޙްކުރި

  • ހުޅުދެލީގައި ހެދި ބަނދަރަކީ 277 މީޓަރުގެ 432 މީޓަރުގެ ބޮޑު ބަނދަރެއް

  • ރައްކާތެރި ފެނުގެ ނިޒާމަށް އެދިއެދި ތިބި ހުޅުދެލި ރައްޔިތުނަށް ފެނުގެ ނިޒާމާއެކު އުފާވެރިކަން

ދ.ހުޅުދެލީގެ ތަރައްޤީއަށް ހިންގާފައިވާ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިފްތިތާހްކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިމަޝްރޫޢުތައް އިފްތިތާހްކޮށްދެއްވީ އެމަނިކުފާނު ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހުޅުދެލީގައި އިފްތިތާހްކޮށްދެއްވި މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރާއި، ފެނަކަ އޮފީހާއި، އިންޖީނުގެއާއި ފެނުގެ ނިޒާމު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ދ.ހުޅުދެލީގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކުރައްވައިގެންނެވެ. ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ.

ހުޅުދެލީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ހުޅުދެލީގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މިހާރުގެ ހުޅުދެލީ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަވާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިނގަމުންނެވެ.