ޚަބަރު

ރިނބުދޫގެ ބަނދަރާއި، ފެނާއި ނަރުދަމާ ނިޒާމުގެ ނިމުން ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • ބަނދަރު ހެދީ ފަޅު ގަދަވެ ނެރުން ބާނިވައްދާތީ

  • ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރީ ހެވީ ފޯސްއިން

  • ރައީސް ވަނީ ސަން ސިޔާމް ކެއަރސްއިން އަޅާފައިވާ ޖެޓީވެސް ހުޅުވައިދެއްވާފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ރިނބުދޫ ބަނދަރު ހުޅުވައިދެއްވައި، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ރިނބުދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޯށްފައިވާ މި ބަނދަރުގައި، ބޮޑުހިލަ ޖަހައިގެން 367 މީޓަރުގެ ބޭރުތޮއްޓެއްލައި، 82 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ. ރިނބުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

ރިނބުދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހެވީފޯސްއާ ހަވާލުރެއްވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި 20 މީޓަރުގެ ގްރޯއިން ޖެހުމާއި، 254 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުމާއި، 120 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 65 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ޖެހުމާއި، 247 މީޓަރުގެ ބޭރު ތޮށި (ސޭންޑް ފިލްޑް ބްރޭކްވޯޓާ) ޖެހުމާއި، 23.5 މީޓަރުގެ ވޯލްކްވޭ އެއް ހެދުމާއި، ބަނދަރުގައި 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށްޓާއި އިންވެގެން 1270 ސްކޮއަރ މީޓަރު ސަރަަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ފުން ކުރުމާއި، ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 13 ލައިޓް ޖެހުން ހިމެނެއެވެ.

މިމަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 29,405,208.03 ރުފިޔާ އަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ސަން ސިޔާމް ކެއަރސްއިން އަޅާފައިވާ ޖެޓީވެސް ހުޅުވައިދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.