ޚަބަރު

ޒަމީލު އިންތިޚާބުގައި ވާދަކުރައްވަނީ، ރަނިންމޭޓަކީ އަނބިކަނބަލުން، އޭޖެންޓަކީ ދަރިކަލުން


  • ޙަސަން ޒަމީލްގެ ރަނިންމޭޓަކީ އަނބިކަބަލުން

  • އިންތިޚާބީ އޭޖެންޓަކީ ދަރިކަލުން

  • ޒަމީލްއަކީ ކުރީގެ ޑިފެންސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް

މިސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޙަސަން ޒަމީލް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.

މއ. މާވެޔޮ ވިލާގެ ޙަސަން ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އޭނާގެ އަނބިކަބަލުން ގ.ދާސްތާން، މަރިޔަމް އަލީމްއެވެ. އަދި އިންތިޚާބީ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ދަރިކަލުން އަހްމަދު މަހްރާން ޒަމީލެވެ.

ޙަސަން ޒަމީލްގެ ކެންޑިޑެންސީ ފޯމާއި ހަވާލުވެވަޑާއިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީޤްއެވެ.

ޙަސަން ޒަމީލް އަކީ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން، މިނިސްޓްރީ އޮފް ޓުވަރިޒަމްގައި ޑެޕެއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާ ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޙަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވާއިރު، މި ރިޔާސީ އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ކަނޑައަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީވެސް ޒަމީލްއެވެ. އަދި ޒަމީލްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އަމިއްލަ ގޮތުން ހުށަހެޅި ތިން ވަނަ ކެންޑިޑޭޓެވެ.

ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމް ވަނީ 21 އަހަރަށްވުރެ ގިނަ ދުވަހު މިނިސްޓްރީ އޮފް އެޓޯލް ޑިވެލޮޕްމެންޓުގައި މަސައްކަތް ކުރައްވާފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވެއެވެ.