ޚަބަރު

ދ.މީދޫގެ ފެނަކަ އައު އޮފީހާއި، ފެނުގެ ނިޒާމުގެ ނިމުން ރައީސް އިފްތިތާޙުކޮށްދެއްވައިފި


  • ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދ.އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވާފައި

  • ދ.މީދޫގެ ފެނަކަ އައު އޮފީހާއި، ފެނުގެ ނިޒާމުގެ ނިމުން ރައީސް ވަނީ އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ފެނަކަ އައު އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތްތައް ރައިސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި ޢިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޢިމާރާތްތަކެކެވެ. މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

ދ. މީދޫގައި، ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދިޔަ މަޝްރޫޢުކެވެ. މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމާ، މިހާރުވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގަމުންނެވެ.