ޚަބަރު

މާޅޮހު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި، އަންނަމަހު ހިދުމަތް ލިބޭނެ


  • 2021 ވަނަ އަހަރު ފެށި މަޝްރޫއެއް

  • 60.4 މިލިއަން ރުފިޔާގެ މަޝްރޫއެއް

  • 230 ގެއަކަށް ކަނެކްޝަން ވަނީ ގުޅާފައި

ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު މަސައްކަތް ނިންމައި، އަންނަމަހު ހިދުމަތް ދޭން ފަށަން މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ސަރުކާރުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކުންފުންނި އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެރަށުގައި ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ

އެމްޑަބްލިއުއެސްސީން ބުނީ މާޅޮހު ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ފެން ރައްކާކުރުމަށް 310 އަކަމީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަމީޓަރުގެ ތާންގީ ވަނީ ބަހައްޓާފައެވެ. އަދި ޕަންޕް ސްޓޭޝަނަކާއި، 144 ސްވަރޭޖް މެއިން ހޯލް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ޕްލާންޓްތައް އިންސްޓޯލްކޮށް، ފެން ފޮރުކޮށްދިނުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ގޭގެއަށް ފެނު ކަނެކްޝަންތައް ވެއްދުމާއި، ގުޅައިދިނުމުގެ މަސައްކަތާއި، ނަރުދަމާ ކޮޅުތައް ވައްދާ ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ ކޮމިޝަނިންގެ ކުރިން ކުރަން ހުރި މަސައްކަތަކީ ޕްރެޝަރ ޓެސްޓްކޮށް ލީކިންގް ޓެސްޓް ހެދުންކަމަށެވެ. އެ މަސައްކަތް ކުރާ ޓީމްވެސް މިހާރު މާޅޮހުގައި ހަރަކާތްތެރިވަމުން އަންނަކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމާލުމަށް އަމާޒުކުރިނަމަވެސް މަސައްކަތް ލަސްވީ ސީ އައުޓްފޯލްގެ މަސައްކަތް ނުނިމުމުންކަމަށެވެ. އަދި މިހާރު މަސައްކަތުގެ ނުވަދިހަ ފަހެއް އިންސައްތަ ނިމި ކޮމިޝަނިންގެ މަސައްކަތް މިމަހު 18 ގައި ކުރުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެމްޑަބްލިއުއެސްސީން ބުނީ މި ފެށޭމަހުގެ ތެރޭ ޙިދުމަތް ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.

މި މަޝްރޫއުގެ ތެރޭގައި މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކް ޤާއިމުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާޅޮހު ފެނުގެ ސާފު ފެން ލިބުމުގެ ދަތިކަމަކީ އެ ރަށު ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައެވެ. ފެނުގައި ހުރި މައްސަލަތަކުގެ ސަބަބުން ފަތުރުވެރިންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށް އެ ކައުންސިލުން ބުނެއެވެ. އެހެންކަމުން އަލަށް ގާއިމްކުރި ފެނުގެ ނިޒާމާއެކު އެރަށުގެ ރައްޔިތުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.