ޚަބަރު

ދިރާސީ އައު އަހަރު މާދަމާ ފަށަނީ؛ 84000 އަށްވުރެ ގިނަ ދަރިވަރުން


  • ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަނީ މާދަމާ

  • މިއަހަރު ކިޔެވުން ފަށަނީ 84000 އެއްހާ ދަރިވަރުންނާއެކު

  • މާލެ ސަރަޙައްދުގައި މުޅި އަލަށް 3 ސްކޫލެއްގައި ކިޔަވައިދޭން ފަށަނީ

  • އެ 3 ސްކޫލަކީވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ 3 ސްކޫލް

84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ.

ބޮޑު ބަންދަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާއި ބެލެނިވެރިން އަދި ދަރިވަރުންވެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަނީ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާވެސް އެކުގައެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ. މީގެތެރެއިން 156 ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ޢުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، އެހެނިހެން ވަޞީލަތް ހަމަކުރުމުގެ މަސައްކަތް އެމިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، މާލެ ސަރަޙައްދުގައި އިތުރު 3 ސްކޫލެއްގައި ކިޔަވައިދޭން ފެށުމަށްވެސް އެމިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރާ ސްކޫލެކެވެ. އެޑިއުކޭޝަނުން ވިދާޅުވީ މާދަމާ ސްކޫލް ކިޔެވުންފެށޭއިރު އެސްކޫލްގައި 1650 ދަރިވަރުންނާއެކު ކިޔަވައިދޭނެކަމަށެވެ.

މާލެ ސަރަޙައްދުގައި އަލަށް ދެން ކިޔަވައިދޭން ފަށަނީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި ސީއެޗްއެސްސީގެ އައު އިމާރާތާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސްކޫލްތަކުގައެވެ. މި 3 ސްކޫލްގައިވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. މި 3 ސްކޫލާއެކު މާލެ ސަރަޙައްދުގައި 4 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެއެވެ.

މާލޭގެ އިތުރުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ މަރާމާތުތަކާއި އައު ޢިމާރާތްތައް ނިންމުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ދުރާލާ އެޑިއުކޭޝަނުން ވަނީ ނިންމަވާފައެވެ. އަދި ސްކޫލްތައް ހުޅުވޭއިރު ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދެއްވައެވެ. ހަމައެއާއެކު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އެމިނިސްޓްރީން ވަނީ މިދިޔަ މަހުގެ 15 އާއި ހަމައަށް ހުރިހާ ސްކޫލަކަށްވެސް ފޮނުވާ ނިންމާފައެވެ. އެހެންކަމުން ސްކޫލް ފެށޭއިރު ހުރިހާ ދަރިވަރުންގެ ފޮތްތައް ހަމަވާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ދިރާސީ އަހަރު މީގެކުރިން އަހަރުގެ ކުރީކޮޅު ފެށިނަމަވެސް، މިހާރު ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ މެދުތެރޭގައެވެ. އެގޮތުން މިހިނގާ އަހަރުގެ، ކިޔެވުން ކުރިއަށްދާނީ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހަށެވެ.