ޚަބަރު

އައްޑޫ ޓަރޝަރީ ހޮސްޕިޓަލުގެ އައު އިމާރާތާއެކު ޖާގައިގެ މައްސަލަ އެއްކޮށް ޙައްލުވާނެ: މޭޔަރ


  • ޓަރޝަރީގެ އައު ޢިމާރާތް މިހާރު އޮތީ ޓެންޑަރިން މަރުޙަލާގައި

  • އެއީ 2 ފަންގިފިލައިގެ ޢިމާރާތެއް

  • 19 ޕްރައިވެޓް ރޫމާއި އިތުރު ތިއޭޓަރުތަކާއި އިތުރު ވަޞީލަތް އެތަނުގައި ހުންނާނެ

  • އޭއީއެޗްގެ މިހާރު ހުރި ދައްޗަކީ ހޮސްޕިޓަލްގެ ކޮންސެޕްޓެއް ނެތި ތަރައްޤީކޮށްފައިވާ ޢިމާރާތަކަށް ހޮސްޕިޓަލް ބަދަލުކުރުމުން ކުރިމަތިވާ ދަތިތައް

  • އެހުރިހާ ދަތިތަކަށް އައު ޢިމާރާތާއެކު ޙައްލު އަންނާނެ

އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް އިތުރުކުރާ އައު ޢިމާރާތާއެކު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ އައްޑޫގެ ސިއްޙީ ޚިދުމަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ މަސައްކަތް މިހާރު އޮތީ ބީލަން މަރުޙަލާގައެވެ.

ރާއްޖޭގައި އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ކުރީގެ ސަރުކާރުންވަނީ އައްޑޫގައި ސާކް ސަމިޓު ހެދުމަށް ތަރައްޤީކުރި ކޮންވެންޝަން ސެންޓަރު ޢިމާރާތް އައްޑޫގެ ޓަރޝަރީ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖައްސާ ޚިދުމަތް ދޭން ފަށާފައެވެ. އެހެންނަމަވެސް އެހެން ބޭނުމެއްގައި ތަރައްޤީކޮށްފައިވާ މިޢިމާރާތް ހޮސްޕިޓަލަކަށް ބަދަލުކުރުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ޓަރޝަރީ ހޮސްޕިޓަލް ޢިމާރާތެއްގެ ގޮތުގައި އިކުއެޓޯރިއަލް ހޮސްޕިޓަލް ބަދަލު ކުރިނަމަވެސް، އެތަން އެއީ އެފަދަ ކޮންސެޕްޓަކަށް އަޅާފައިވާ ޢިމާރާތެއްކަމުގައި ނުވުމަކީ، މިހާރު ހުރި ގިނަ މައްސަލަތަކުގެ އަސްލުކަމަށެވެ.

"ކުރީގެ ކޮންވެންޝަން ސެންޓަރު، ކުރީގެ ސަރުކާރުން ހޮސްޕިޓަލަކަށް އެތަން ހެދުމުން ދިމާވާ ދަތިތައް އެބަހުރި. ކެތްލެބްވެސް ތަރައްޤީކުރަން ކޮންމެހެން ޖެހޭތީ އެހެރީ ހަދާފައި. ޕްރައިވެޓް ރޫމްތަކެއް ނެތް. އެހެންވީމަ އެކަންކަމަށް ޙައްލު ގެނައުމަށް ސަރުކާރުން މިހާރުވަނީ ހޮސްޕިޓަލްގެ އައު ޢިމާރާތް ޓެންޑަރ މަރުޙަލާގައި އޮތީ. 19 ޕްރައިވެޓް ރޫމާއެކު ބޮޑު ޢިމާރާތެއް އަންނާނީ." މޭޔަރ ވިދާޅުވިއެވެ.

ދެފަންގިފިލައަށް ތަރައްޤީކުރާ މިޢިމާރާތުގައި 19 ޕްރައިވެޓް ރޫމާއި، އިތުރު ތިއޭޓަރުތަކާއި، އެހެނިހެން ޚިދުމަތްތަކާއެކު އައު ޢިމާރާތް ތަރައްޤީވުމުން މިހާރު ހުރި ޖާގައިގެ މައްސަލައެއްކޮށް ޙައްލުވާނެކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ކެތްލެބްގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށެވެ. އަދި އެތަނަށް ބޭނުންވާ ހާޓް ސަރޖަން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވަމުންދާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވީ ރާއްޖޭގެ ނިސްބަތުން އައްޑޫގެ ސިއްޙީ ޚިދުމަތްތައް ހުރީ ހިތްހަމަޖެހޭ ހިސާބެއްގައިކަމަށެވެ. އެހެންނަމަވެސް ރަނގަޅުކޮށް ކުރިއަރުވަންޖެހޭ އެތައްކަމެއް ހުރިކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްޤީގެ އެކި ކަންކަން ކުރިއަށް އެބަދޭ. އައްޑޫގައި އަދި ތަފާތުކަމެއް މިއީ، އެއް އަތޮޅެއްގައި އަޅުގަނޑު ހިތުން އެންމެ ގިނަ ދިވެހި ޑޮކްޓަރުންވެސް ތިބީ އައްޑޫގައި. ސްޕެޝަލައިޒް ކުދިންވެސް އެބަތިބި އައްޑުއަށް ނިސްބަތްވާ. ރާއްޖޭގައި މިވަގުތު ތިބި ފުންނާބު އުސް ބައެއް ޑޮކްޓަރުންވެސް ނިސްބަތްވަނީ އައްޑުއަށް. އެޑޮކްޓަރުންވެސް އައްޑޫގައި ޚިދުމަތްދޭތަން ފެނިގެންދިޔުމަކީ އަޅުގަނޑު ކުރަ އުއްމީދެއް." މޭޔަރ ވިދާޅުވިއެވެ.

އައްޑޫގެ ސިއްޙީ ނިޒާމަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއްވަނީ ގެނެސްފައެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޮޑެތި އެތައް އޮޕަރޭޝަނެއް މިހާރުވެސްވަނީ ކޮށްފައެވެ. މީގެއިތުރުން އައްޑޫގައި ޑައިލިސިސްގެ ޚިދުމަތް ފުޅާވެ، ހުޅުމީދޫ ސިއްޙީ މަރުކަޒުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ މުޅި އައްޑުއަށް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

އައްޑޫ ސިޓީގައި ހުރިހާ ރަށަކަށް ޞިއްޚީ ޚިދުމަތަށް ބޭނުންވާ އެމްބިއުލާންސް ހަމަވެފައިވާއިރު، މަރަދޫއަށް ބޭނުންވާ އެމްބިއުލާންސް އަންނަ މަހުގެ ތެރޭގައި އެސިޓީއަށް ލިބޭނެކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

އަދި ފޭދޫ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ތަރައްޤީކުރާ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަށް ބޭނުންވާ ބިންވެސް ހަމަޖެހިފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

ސިއްޙީ ކުއްލި ފަރުވާގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، ބަލިމީހުން އުފުލުމަށް އެސިޓީގައި ސީއެމްބިއުލާންސްގެ އިތުރުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގެ ބޭނުންވެސް އަންނަނީ ކުރަމުންނެވެ.